މާލެއިން ކޮވިޑް 19 ފެނި، މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން، އަނބުރާ މާލެ ނާދެވި އެކި ރަށްރަށުގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން މިހާތަނަށް އަނބުރާ މާލެ އައުމުގެ ހުއްދަ ދީފައިވަނީ 3016 މީހުންނަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަދަކީ މިދިޔަ އޭޕްރީލް މަހު 24 އިން ފެށިގެން އިއްޔެއާއި ހަމައަށް ފުލުހުން ހުއްދަ ދީފައިވާ މީހުންގެ ޖުމުލަ އަދަދެވެ.
މީގެ އިތުރުން ރާއްޖެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި އަނބުރާ މާލެ އައުމަށް އެދޭ މީހުން އެކަމަށް އެދުމަށް ފުލުހުން ވެސް އެދިފައިވެއެވެ. އެގޮތުން http://police.gov.mv/permit މެދުވެރިކޮށް ހުއްދަ ހޯދޭނެ ކަމަށާއި، ނުވަތަ [email protected] އަށް މެއިލް ކޮށްގެންވެސް މާލެ އައުމުގެ ހުއްދަ ލިބޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ލޮކްޑައުންއާއި ގުޅިން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ކަރަންޓީނަށް ފޮނުމުގެ ހާއްސަ މަސައްކަތްތަކެއްވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ. އެމީހުންނަށް ރަށަށް ދެވޭނީ މާލޭން ބޭރުގައި ކަނޑައެޅޭ ކަރަންޓީނު ފެސިލިޓީއެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހުގަ އެވެ.