ޗީޒްގެ ބާވަތްތަކަކީ ދިވެހިންނަށް ވަރަށް ކަމުދާ ބާވަތްތަކެކެވެ. އެގޮތުން ތިރީގައި މިވަނީ ޗީޒް ކޭކު ތައްޔާރުކުރާނެ ގޮތެވެ.
ޗީޒް ކޭކު ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
600 އެމްއެލް ވިޕިން ކްރީމް
1/2 ޕެކެޓު މާރީ ބިސްކޯދު
200 ގްރާމް އަންސޯލްޓެޑް ބަޓާ
10 ސްޓްރޯބެރީ
50 ގްރާމް ގެލަޓިން
250 ގްރާމް ކްރީމް ޗީޒް
200 ގްރާމް ހަކުރު
500 ގްރާމް އައިސިން ޝުގާ
10 ބިހުގެ ގޮބޮޅި
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ މާރީ ބިސްކޯދު ޓްރޭއަކަށް އަޅައި ރަނގަޅަށް ފުނޑުކޮށްލާށެވެ ދެން އޭގެ ތެރެޔަށް ބަޓަރު އަޅައި ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން ޓްރޭގައި ފަތުރާލުމަށް ފަހު ބާރަށް އޮއްބާލާށެވެ. އެއަށް ފަހު އިރުކޮޅެއްވަންދެން ފްރިޖުގައި ބަހައްޓާށެވެ. ދެން ހަތަރު ބައިކުޅަ އެއްބައި ހުންނަ ވަރުގެ ހޫނުފެން ތައްޓަކަށް ގެލަޓިން ކޮޅު އަޅައި ގިރާލާށެވެ. އޭގެ ފަހުގައި ހަކުރާއި ޗީޒް ކްރީމް ތައްޓަކަށް އަޅައި އަތުން އެއް ކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ފަހަރަކު ބިހެއްގެ ގޮބޮޅި އަޅަމުން އެއްކޮށްލާށެވެ. އެއަށްފަހު ވިޕް ކްރީމް އެހެން ތައްޓަކަށް އަޅައި ރަނގަޅަށް ވިޕްކޮށްލާށެވެ. ރަނގަޅަށް ވިޕްވުމުން ކުރިން ގިރި ކްރީމްގަނޑަށް އަޅައި ދޭފަތުން ހަލުވާލާށެވެ. ރަނގަޅަށް އެއްވުމުން ގިރާފައި ހުރި ޖެލަޓިންކޮޅު އަޅަމުން މަޑުމަޑުން އެއްކޮށްލާށެވެ. ދެން ޖެލަޓިންކޮޅު ރަނގަޅަށް އެއްކުރުމަށް ފަހު ފްރިޖަށްލީ ބިސްކޯދުކޮޅުގެ މައްޗަށް އަޅާށެވެ. އެއަށްފަހު އިރުކޮޅަކަށް ފްރިޖުގައި ބަހައްޓާށެވެ. އޭގެ ފަހުގައި ސްޓްރޯބެރީއާއި ހަކުރު މިކްސްޗާ އިން ރަނގަޅަށް ގިރާށެވެ. ދެން ފްރިޖުގައި ހުރި ކްރީމް ނެގުމަށް ފަހު ޗީސްކޮޅު މައްޗަށް އަޅައި ފަތުރާލާށެވެ. އެއަށް ފަހު ފްރެޝް ސްޓްރޯބެރީ އެމީހަކަށް ރީތި ގޮތަކަށް އަތުރާލާށެވެ. އޭރުން އެހުރީ ޗީޒް ކޭކު ތައްޔާރުވެފައެވެ. ޗީޒް ކޭކު ބޭނުން ކުރުން އެންމެ ރަނގަޅީ ފްރިޖުގައި މަދުވެގެން ހަ ގަޑިއިރު ބެހެއްޓުމަށް ފަހުގައެވެ.