ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިހާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަސައްކަތްކުރަނީ

އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިހާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގއ. ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް މިހާރަށް ވުރެ ރަނގަޅު އަގެއް ހޯދުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިވަގުތަށް އޮތް އެންމެ އެކަށޭނަ ހައްލަކީ މިހާރުވެސް ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިއްތިހާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުން. އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކާމިޔާބުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަވަށްޓެރި ބައެއް ގައުމުތަކުން އެއްވެސް ޑިއުޓީއެއްނެތި ޔޫރަޕަށް މަސް ބޭރުކުރަމުންދާ އިރު، ރާއްޖެއަށް ޔޫރަޕަށް މަސް ބޭރުކުރެވެނީ 22 ޕަސެންޓްގެ ޑިއުޓީއަކާއެކު ކަމަށާއި އެއީ ރާއްޖެފަދަ ނާޒުކް އިގްތިޞާދަކަށް ތަހައްމަލް ކުރެވޭވަރަށް ވުރެ ބޮޑު ބުރައެއް ކަމަށެވެ.

"މިއީ ރާއްޖެފަދަ ނާޒުކް އިގްތިޞާދަކަށް ތަހައްމަލް ކުރެވޭވަރަށް ވުރެ ބޮޑު ބުރައެއް. ހަމަ އެފަދައިން ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެއަށް މިއަށްވުރެ ރަނގަޅު ގޮތްތައް ފަހިކުރެވެންވާނެ ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށްގެން ނުކުރެވޭވަރުގެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ މަސްވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިން ދިވެހި ކަނޑުމަހަށް ލިބުނު ޕްރީމިއަމްގެ ބޮޑު ބައެއް ގެއްލިފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސް ގަންނަ ބޭރުގެ ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާ ކަމަށެވެ.