ސަރުކާރުގެ މަސް ކުންފުނިތަކުން މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި 68 މިލިއަން ރުފިޔާ އިއްޔެ އެ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގއ. ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެ ފައިސާ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ސަރުކާރުގެ މަސް ކުންފުނިތަކުން މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި 68 މިލިއަން ރުފިޔާ އިއްޔެ ވަނީ އެ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައި. އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެ ފައިސާ ލިބޭނެ ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުމަކީ މަސްވެރިންނަށް އޮތް ދައްޗެއް ކަމަށާއި ކްރެޑިޓަށް މަސް ކިރުން ހުއްޓާލައި ވަގުތުން ފައިސާ ދެވޭނެ އިންތިޒާމެއް ބޭނުންވާކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ.
"މަސްވެރިންނަށް ދިމާވެފައިވާ އަނެއް ދައްޗަކީ ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުން. ކްރެޑިޓަށް މަސް ކިރުން ހުއްޓާލައި ވަގުތުން ފައިސާ ދެވޭނެ އިންތިޒާމެއް ބޭނުންވާކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަށްޓަކައި މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރުގެ އިތުރު އިންވެސްޓްމަންޓްތަކެއް ކުންފުންޏަށް ހޯދަން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.