ކޮވިޑް 19 އާ ގުޅިގެން އާ އާއްމު ހާލަތު ނުވަތަ ނިއު ނޯމަލްގައި އަންނަ މަހު ހުއްދަ ދެވޭ ރިސޯޓުތަކެއް ހުޅުވާލަން "ސޭފް ޓުއަރިޒަމް ގައިޑްލައިން" ޑްރާފްޓުގައި ހިމަނައިފިއެވެ.
އެ ގައިޑްލައިންގައި ބުނެފައިވަނީ އަންނަ މަހު ހުޅުވާލާނީ ޕްރައިވެޓް ޖެޓްތަކަށާއި، ޗާޓަރު ފްލައިޓުތަކުގެ އިތުރުން، ސުޕާ ޔޮޓްތަކަށެވެ.
ގައިޑުލައިނުގައިވާ ގޮތުން މިއަހަރުގެ އޮގަސްޓް މަސް ތެރޭގައި ގެސްޓް ހައުސްތައް ހުޅުވާނެއެވެ. އަދި ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހުގެ އެއްވަނަ ދުވަހުގައި ކަަމަށް އެ ގައިޑްލައިނުގައި ބުނެފައިވެއެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މި ތާރީހު ބަދަލުކުރަން ޖެހިދާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އަންނަ މަހުގެ ތެރޭގައި ޕްރައިވެޓް ޖެޓްތަކަށާއި، ޗާޓަރު ފްލައިޓްތަކުގެ އިތުރުން ސުޕާ ޔޮޓްތަކަށް ރިސޯޓުތައް ހުޅުވާ އިރު، ކޮންމެ ޕްރައިވެޓް ޖެޓަކާއި ޗާޓަރު ފުލައިޓަކުން ލޭންޑުން ފީގެ ގޮތުގައި 50,000 ޑޮލަރު ނަގާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ސުޕާ ޔޮޓުތަކުން ރާއްޖެ އެތެރެވުމަށް 10,000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް ގައިޑްލައިންގައިވެއެވެ.
ގައިޑްލައިންގައިވާ ގޮތުން ނިއު ނޯމަލްގައިވެސް ވަކި ދުވަހެއް އަންގަންދެން ކްރޫޒް ޝިޕްތަކުން ރާއްޖެ އައުން މަނާވާނެއެވެ.
ސޭފް ޓޫރިޒަމް ލައިސަންސް ލިބި ގެސްޓް ހައުސްތައް ހުޅުވޭނީ އެ ގެސްޓް ހައުސް ހިމެނޭ ދާއިރާއެއްގެ ކައުންސިލުން ހުއްދަ ހޯދުމުންނެވެ. އަދި އެއާޕޯޓުން ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށް ދިއުމަށް ހުއްދަ ދެވޭނީ ރާއްޖެ އައިސް ހަދާ ޕީސީއާރުގެ ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ.
ގައިޑްލައިނުގައިވާ ގޮތުން ނިއު ނޯމަލްގައި އުޅޭއިރު ސިއްހީ ހިދުމަތްތެރީން ދޭ އިރުޝާދުތަކަށް ކިޔަމަންވާން ޖެހެއެވެ.