ޚަބަރު

އެއް ގައުމުން އަނެއް ގައުމަށް ދާ މީހުން ކަރަންޓީން ކުރުމުގެ ބޭނުމެއް ނެތް: ރައީސް ނަޝީދު

އަލީ ޔާމިން

އެއް ގައުމުން އަނެއް ގައުމަށް ދާ މީހުން ކަރަންޓީން ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުން "އިމީޑިއެޓް ރެސްޕޮންސް އެންޑް ފިއުޗާ އޮޕޮޗުނިޓީސް"ގެ ނަމުގައި ޓޫރިޒަމް ދާއިރާއާ ގުޅޭގޮތުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅުދައްކަމުން އެމަނިކުފާނު މިއަދު ވިދާޅުވީ، ގައުމުތައް ލޮކްޑައުންކޮށް ބޯޑަރުތައް ބަންދުކޮށްގެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އެއް ގައުމުން އަނެއް ގައުމަށް ދާ މީހުން ކަރަންޓީން ކުރުމަކީ މުހިންމު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މި ވައިރަސް ފެތުރޭނެ. ރާއްޖޭގައިވެސް އަދި އެހެން ކަންކޮޅުތަކުގައިވެސް. މިވަގުތު މުހިންމީ ބޯޑަރުތައް ހުޅުވާލައިގެން ބޯޑަރުގެ އެތެރޭގައި ވައިރަސް ކޮންޓްރޯލް ކުރުން. އަދި މާ ހަރުކަށި ފިޔަވަޅުތައް އަޅައިގެން މި ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަކީ ބުއްދިވެރިކަމެއް ނޫން. އެގޮތުން އެއް ގައުމުން އަނެއް ގައުމަށް ދާއިރު ކަރަންޓީން ކުރުމަކީ ބޭނުން ހުރި ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ރަނގަޅު ކަމަށެވެ.

"ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ރަނގަޅު. އަދި މިކަމުން އަރައިގަތުމަށްޓަކައި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ފަސޭހަ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ 70 ޕަސެންޓް މީހުން ވަޒީފާ އަދާކުރަނީ ޓޫރިޒަމް ދާއިރާގައި ކަމަށްވާ އިރު ބޯޑަރުތައް ބަންދުކޮށްގެން، ޓޫރިޒަމް ހުއްޓުމަކަށް ގެނެސްފި ނަމަ، މުޅި ދުނިޔޭގެ އިގުތިސާދު އަޑިއަށް ގޮސް އިންޓަނޭޝަލް ސްޓެބިލިޓީ ގެއްލޭނެ ކަމަށެވެ.