ޚަބަރު

އަންނަ ހަފުތާގައި ޓީވީ މެދުވެރިކޮށް ކިޔަަވައިދޭން ފަށަނީ

ކޮވިޑް 19 އާ ގުޅިގެން ސްކޫލުތައް ބަންދު ކުރުމަށް ނިންމުމުން، އެޑިއުކޭޝަން މިނިސްޓްރީން ޓީވީ މެދުވެރިކޮށް ގެނެސްދޭން ފެށި ޓެލިކިލާސްތައް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރިތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް އެކި ޗެނަލްތައް މެދުވެރިކޮށް ޓީވީ މެދުވެރިކޮށް ދައްކަމުންދިޔައެވެ. ނަމަވެސް މާލެއިން ކޮވިޑް ޖެހިފައި ހުރި މީހަކު ފެނި މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޓެލިކިލާސްތައް ދެއްކުން ވަނީ މެދުކަނޑާލައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12ގެ ދަރިވަރުންނަށް އަންނަ ހޯމަ ދުވަހު ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އެ ފިލާވަޅުތައް ދައްކާނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެނަލަކުން ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަހަރު ފަށާ ޓެލިކިލާސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުން ޓީޗަރުން ވެސް ފިލާވަޅުތައް ނަގައިދިނުމުގައި ބައިވެރިވާނެ ކަމަށެވެ. އަދި ޓީޗަރުން ފިލާވަޅުތައް ތައްޔާރުކުރުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުމުން މިނިސްޓްރީގެ ޓީމާއި ޕީއެސްއެމް ގުޅިގެން އެ ފިލާވަޅުތައް ޓީވީން ދައްކާނެ ކަމަށް ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ޓެލިކިލާހުގެ ފިލާވަޅެއް ނުބެލި ދިޔަޔަސް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފިލާ ޕޯޓަލް މެދުވެރިކޮށް އެ އެޕިސޯޑެއް ފަހުން ބަލައިލެވޭނެ ކަމަށެވެ. ސްކޫލްތައް ބަންދުކުރުމުން ގިނަ ސްކޫލްތަކުން ވަނީ ގޫގުލް ފޮ އެޑިއުކޭޝަން ފަދަ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދަރިވަރުންނަށް އޮންލައިން ކުލާސްތައް ނަގައިދީ، ފިލާވަޅުތައް ހަވާލުކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ، އޮންލައިން ވަސީލަތްތަކުގެ އެހީގައި ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދިނުމަށް މުދައްރިސުންނަށް ބޭނުންވާ ތަމްރީނާއި އެހީ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ޓީޗަރުން ގޫގުލް އޮފް އެޑިއުކޭޝަން ތަމްރީނުވެ، ސެޓިފައި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ނިއު ނޯމަލްއަށް ސްކޫލްތައް ތައްޔާރުކުރުމުގެ މަސައްކަތަށް ދިރާސާތަކާއި ރޭވުންތައް ރާވަމުން އަންނަ ކަމަށާއި އެގޮތުން ތަފާތު ސިނާރިއޯތަކަށް ތައްޔާރުވުމަށް އެޑިއުކޭޝަން ދާއިރާގެ ކޮވިޑް ރެސްޕޮންސް ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ޕްލޭން ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ނިމޭނެ ކަމަށެވެ.