ޚަބަރު

ރަށްރަށަށް ދާން ބޭނުންވާ 830 މީހަކު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ފޮނުވިފައި: މިނިސްޓަރު އިމްރާން

އަލީ ޔާމިން

މާލެ ލޮކްޑައުންކުރިއިރު އަތޮޅުތެރެއިން އައިސް މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 830 މީހަކު އަނބުރާ ރަށަށް ގެންދިއުމަށްޓަކައި ކަރަންޓީން ފެސިލިޓީތަކަށް ގެންދެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޮކްޑައުންގެ ހާލަތު މެދުވެރިވި ވަގުތު އެކި ބޭނުންތަކުގައި މާލޭގައި ތިބި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 830 މީހުން މިހާރު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ފޮނުވިފައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިމަހުގެ 24ގެ ކުރިން މަދުވެގެން 1،800 މީހުން ރަށަށް ފޮނުވުމަށްޓަކައި ކަރަންޓީނު ކުރެވޭނެ ކަމަށެވެ.

މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަން ޖެހޭ އިރު، ކުރިން ނިންމީ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ކަރަންޓީން ކުރެވޭނަމަ އެކަންވެސް ކުރުމަށެވެ. ނަމަވެސް ރަށުގައި ބަލި ފެތުރި، ނުރައްކާ ބޮޑުވެދާނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައިވާތީ އެގޮތަށް ރަށްރަށަށް ފޮނުވާ މީހުން ކަރަންޓީން ކުރަން ހަމަޖައްސާފައިވަނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައެވެ.

ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކުރުމަށް ފަހު ބައެއް މީހުން މިހާރު ވަނީ ދޫކޮށްވެސް ލެވިފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވާ ގޮތުގައި މީހުން ރަށްރަށަށް ފޮނުވުމުގައި އިސްކަންދޭނީ އެންމެ ހާލުގައި އުޅޭ މީހުންނަށެވެ.