ޚަބަރު

ދައުލަތުގެ އިދާރާތަކުގެ މުސާރައަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭ މައުލޫމާތެއް ނޫން: އިންފޮމޭޝަން ކޮމިޝަނަރު

އައިދާ އަބްދުލް ހަކީމް

ދައިލަތުގެ މައްސޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭ މައުލޫމާތުތަކެއް ނޫންކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮތް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ(ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔޮތުންގެ މަޖިލީހަށް ފޮނޮވި ސިޓީއެއް މީސް މީޑިއާގައި އާންމު ވާން ޖެހުނު ސަބަބު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން ތަހުގީގު ކުރުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމު ކުރުމަށް ގޮވައިލާ ކަމަށެވެ.

އެގޮތުން ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، އެސަގާފަތަށް އަހުލުވެރިވުމަކީ ދައުލަތާއި މެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއްކަމަށެވެ. އަދި އެއީ އިދާރާތަކުގެ ތަސައްވުރުވު ރަނގަޅުވެގެންދާނެ ކަމެއްކަމަށް ވެސް އެއޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

އެފަދަ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތު ކަމަށާއި މިމަގަށް ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުންވެސް މަސައްކަތް ކުރުމަށް ކޮމިޝަނަރު ވަނީ އެދިވަޑައިގެންފަ އެވެ.