ކަދުރަކީ އަޅުގަނޑުމެން ދިވެހީންގެ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ މޭވާއެކެވެ. ހާއްސަކޮށް ރަމަޟާން މަހު ކަދުރުގެ ބޭނުން ކުރާ މިންވަރު އިތުރު ވެއެވެ. ކަދުރަކީ، ހަމައެކަނި ރޮލާ ކެއުމުގެ އިތުރުން ފަނި ގިރައިގެންވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ތިރީގައި މިވަނީ ކަދުރު ޝޭކް ހަދާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
1/2 ޖޯޑުގެ ކަދުރު (އޮށް ނަގައި ދެފަޅިއަށް ފަޅާލައިފައި)
1/2 ޖޯޑުގެ ފުލް ކްރީމް މިލްކް
2 މޭޒުމަތީ ސަމްސާ މާމުއި
1/2 ޖޯޑުގެ ޕްލޭން ޔޯގަޓް
2 މޭޒުމަތީ ސަމްސާ ހެވީ ކްރީމް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކަދުރާއި ޔޯގަޓް މިކްސްޗަރަށް އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން އޭގެ ތެރެއަށް ހެވީ ކްރީމާއި ފުލް ކްރީމާއި މާމުއި އަޅައި އޮލަވަންދެން ރަނގަޅަށް ގިރާލާށެވެ. އޭރުން އެހެރީ ޑޭޓް ޝޭކް ތައްޔާރު ވެފައެވެ. ދެން އައިސް އަލަމާރީގައި ދޮޅު ގަޑިއެއްހާއިރު ބެހެއްޓުމަށް ފަހު ނަގައި ސާވްކުރާށެވެ.