މާލެއަށް ދިމާވެފައިވާ ޕާކު ކުރުމުގެ ދަތިކަމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނީ ޕާކިން ބިލްޑިންތަކެއް ހަދައިގެން ކަމަށާއި އެފަދަ ޕާކިން ބިލްޑިންތަކެއް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އުއްމީދު ކުރައްވަނީ މާލޭގެ މަގުތައް މަތީގައި ޕާކުކޮށްފައިވާ ކާރުތައް އެއްކޮށް ހުސްކުރުން ކަމަށެވެ.
ނަހުލާ ވިދާޅުވީ މިހާރު ޕާކި ކުރުމަށް ގާއިމުކޮށްފައިވާ މެކެނިކަލް ޕާކިން ސިސްޓަމް އަކީ ރައްޔިތުންނަށް ކަމުދާ އެއްޗެއް ނޫން ކަމަށެވެ.
"ދެން އަޅުގަނޑުމެން އެ ސިސްޓަމްތައް ބަހައްޓައިގެން އެތަން ބްލޮކް ކޮށްފައި ބެހެއްޓުމުގެ ބަދަލުގައި އަޅުގަނޑުމެން މި ޖެހެނީ އެ އެއްޗެހި ނެގުމަށްފަހު އެހެން ގޮތަކަށް ޕްލޭން ކުރަން،" ނަހުލާ ވިދާޅުވިއެވެ.
ވަގުތީ ގޮތުން ޕާކިން މައްސަލައަށް ދެވެން އޮތް ހައްލަކީ މެކޭނިކަލް ސިސްޓަމްތައް ހުސްކުރުމަށްފަހު އެ ސަރަހައްދުގައި ޕާކުކުރުމަށް ހުޅުވާލުން ކަމަށް އޭނަ ވިދާޅުވިއެވެ.