ރާއްޖެއިން ކޮވިޑް 19 ޖެހުނު 42 ކުޑަ ކުދިންގެ ތެރެއިން 6 ކުދިން އެބަލިން ރަނގަޅު ވެފައިވާ ކަމަށް އައިޖީއެމްއެޗް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހިފައިވާ ކުދިންގެ ހާލު ރަނގަޅު ކަމަށެވެ. މީގެ ކުރިން ޑރ. ފައިސަލް ވިދާޅުވެފައިވަނީ ކޮވިޑް ޖެހުނު 40 ޕަސެންޓު ކުދިންގެ ގައިން ކޮވިޑްގެ އަލާމާތް ނުފެންނަ ކަމަށެވެ.
ރާއްޖެއިން 42 ކުދިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ކޮވިޑް ޖެހުނު އެންމެ ތުއްތު ކުއްޖާގެ އުމުރަކީ އެންމެ 17 ދުވަހެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1106 އަށް އަރައިފައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 80 އަށް އަރާފައިވާއިރު ބަލި ޖެހިގެން ހަތަރު މީހުން ވަނީ މަރުވެފައެވެ.