ޚަބަރު

ރާއްޖޭގައި ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންޑަކްޓް އިލެކްޓްރިކް ވެޕަން ބޭނުން ކުރުމުގެ ޓްރަޔަލް ފަށާފައިވާ ކަމަށެވެ.

ކޮންޑަކްޓް އިލެކްޓްރިކް ވެޕަން، ސީއީޑަބްލިއު އަކީ މި ހަތިޔާރު ބޭނުން ކުރުމުން ހަތިޔާރު އަމާޒުވާ މީހާއަށް އިލެކްޓްރިކް ޝޮކެއް ދޭ ހަތިޔާރެކެވެ. ސީއީޑަބްލިއުގެ ތެރޭގައި ސްޓަން ގަންގެ އިތުރުން ޓޭޒާ ގަން، ބެޓަންސް އަދި ބެލްޓުވެސް ހިމެނެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓުވިޓުގައި ހިއްސާ ކުރެއްވި ވީޑިއޯގައި ފުލުހުން ޓޭޒާ ގަން ބޭނުން ކުރާތަން ދައްކައެވެ.

ޓޭޒާ ގަން ބޭނުން ކުރަން ފަށާފައިވަނީ ފުލުހުންގެ އޮފިސަރުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ އިތުރުން އާންމުންގެ ރައްކާތެރިކަމަށް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މި ހަތިޔާރު ބޭނުން ކުރުމަކީ ފުލުހުންނަށް ލިބިގެންވާ އިހުތިޔާރެއް ކަމަށާއި ޓޭޒާ ގަން އަކީ ފުލުހުންގެ އޮފިސަރުންނާއި އާންމުންނަށް ނުރައްކާތެރިވާ ހާލަތުގައި ބޭނުން ކުރެވޭނެ ހަތިޔާރެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންނަށް ލިބިފައިވާ އެހެނިހެން ބާރުގެ ބޭނުން ކުރުމުގެ އިހުތިޔާރެކޭ އެއްފަދައިން ޓޭޒާ ގަން ބޭނުން ކުރުމުގައިވެސް ވަކި ގަވައިދުތަކެއް ހުންނަކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ޓޭޒާ ގަން ބޭނުން ކޮށްފައިވަނީ އެކަމަށް އެކަށީގެންވާ ހާލަތުގައި ކަން ޔަގީން ކުރުމަށް ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރާނެ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.