ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގައި ކޮރަޕްޝަންއާ ގުޅޭ މައްސަލަތަކެއް އެބަހުރި: ނަހުލާ

އަހުމަދު ޖައިޝަން

1

ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރޭގައި ކޮރަޕްޝަންއާ ގުޅުންހުރި މައްސަލަތަކެއް ހުރި ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެ އޮތޯރިޓީގެ ތެރެއިން ފެނިފައިވާ ކޮރަޕްޝަންގެ މައްސަލަތައް މިހާރު ވާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ.

"ދެފަރާތް ފެންނަ އުސޫލެއްގެ ދަށުން އަޅުގަނޑުމެންގެ މިނިސްޓްރީ ހިންގުމުގެ ކަންތައް ﷲ އިރާދަފުޅުން ކުރިއަށް އޮތް ތަނުގައި ދާނީ،" ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައިގައި ވަކި ގޮތެއް ނިމުމުން އެކަމުގެ މައުލޫމާތު އާންމުކުރައްވާނެ ކަމަށެވެ.

އަދި މިހާރު މަސައްކަތް ކުރަމުންދަނީ މިނިސްޓްރީއިން ލިބެންހުރި ހުރިހާ މައުލޫމާތެއް ނޫސްވެރިންނާއި އާންމުންނަށް ލިބޭނެ މެކޭނިޒަމްއެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟