ސްޓެލްކޯ އިން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީގެ މުސާރަ ހަމަޖައްސަނީ ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތި ކޮށް މުސާރަ ކަނޑައަޅަން ނިންމާފައިވާ ގޮތުގެ މަތިން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެކުންފުނީން މިހެން ބުނެފައިވަނީ ކުންފުނީގެ އެމްޑީގެ މުސާރައާއި ގުޅިގެން ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކާއި ގުޅިގެން ގެޒެޓު ކުރި ބަޔާނެއްގައެވެ.
އެގޮތުން މި ސަރުކާރު އައުމުގެ ކުރިން އެ ސްޓެލްކޯގެ އެމްޑީގެ މުސާރަ ކަނޑައަޅަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. އަދި މި ސަރުކާރު އައުމަށްފަހު ސަރުކާރު ކުންފުނިތައް ހިންގުން އިތުރަށް ހަރުދަނާ ކުރި ކަމަށާއި ކުންފުނިތަކާއި ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް ފިޔަވަޅުތަކެއް އެޅި ކަމަށް މި ބަޔާނުގައި ސްޓެލްކޯއިން ފާހަގަ ކޮށްފައި ވެއެވެ.
މި ފިޔަވަޅުތަކުގެ ތެރެއިން އެ ކުންފުނީގެ އެމްޑީގެ މުސާރަ ކަނޑައަޅާފައިވަނީ ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތިކޮށް މުސާރަތައް ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށާއި އެމްޑީގެ މުސާރަ އަދި އިނާޔަތްތައް ބިނާވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕާފޯމަންސް ލަނޑުދަނޑިތައް އަދި ކީ ޕާފޯމަންސް އިންޑިކޭޓާސް (ކޭޕީއައި) ހާސިލު ކުރާ މިންވަރުގެ މައްޗަށް ކަމަށް ސްޓެލްކޯއިން ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން ކުންފުނިތައް ގްރޭޑު ކޮށްފައިވާއިރު ސްޓެލްކޯއަކީ ގްރޭޑް ”A“ ކެޓަގަރީގައި ހިމެނޭ ކުންފުންޏެއް ކަމަށާއި އެމްޑީގެ މުސާރައާއި އިނާޔަޔްތަކަކީ އެ ކުންފުންޏާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް އެމްޑީންގެ މުސާރައާއި އިނާޔަތް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ ކުރިޔާ ހިލާފަށް އެކުންފުނީގެ މަސައްކަތްތައް އާންމުންނާއި ހަމައަށް ގެނެސްދީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާ ކުންފުންޏަކަށް އެ ކުންފުނި ބަދަލު ކުރެވިފައިވާކަން ފާހަގަ ކޮށްފައެވެ. އަދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް މައުލޫމާތެއް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފުރިހަމައަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.