ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މިހާލަތުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ޔޫއެސްއޭ ގެ އެސިސްޓެންޓް ޓު ދަ ޕްރެޒިޑެންޓް ފޯ ނެޝަނަލް ސެކިއުރިޓީ އެފެއާޒް، ރޮބާޓް އޯބިރްއެން އާއި ގުޅުއްވައި ވާހަކަފުޅު ދެއްކެވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
ރޮބާޓް އާއި ގުޅުއްވައިގެން ޔޫއެސް އަދި ރާއްޖޭގައި ކޮވިޑް 19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ޔޫއެސް އިން ވެދެއްވާ އެހީތެރިކަމަށްޓަކައި ރައީސް ސޯލިހު ޝުކުރު އަދާ ކުރެއްވިއެވެ.
ރާއްޖޭގައި ކޮވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ނިއު ނޯމަލްގައި ގައުމު ހުޅުވައިލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް ނިއު ނޯމަލްގައި ހުޅުވައިލާނެ ސީދާ ތާރީހެއް ސަރުކާރުން އަދި އާއްމެއް ނުކުރެ އެވެ.