ޚަބަރު

ހުޅުމާލެ ޖަލުގައި ތިބި 30 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލާފައިވޭ: ކޮމިޝަނަރު

ހުޅުމާލެ ޖަލުގައި ތިބި ބަންގްލަދޭޝްގެ 30 ވަރަކަށް މީހުން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް 488 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ. އަދި އިތުރު 200 މީހުން ފޮނުވާލުމަށް ވަނީ ނިންމައިފައެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖެޓީވީން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖުގައި އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ޑީޕޯޓްކޮށްލުމަށްޓަކައި 60 އާ ގާތްކުރާ އަދަދަކަށް މީހުން ތިބި ކަމަށާއި ނަމަވެސް ބަންގްލަދޭޝް ސަރުކާރާއެކު ކުރެވުނު މަޝްވަރާއާއެކު އެތަނުގައި ތިބި ވަރަށް ގިނަ މީހުން އަނބުރާ ފޮނުވާލެވުނު ކަމަށެވެ.

"އަޅުގަނޑުމެން ވާނީ 30 އަކަށް ބިދޭސީން ފޮނުވާލާފައި. އެހެންވީމަ މިހާރު މި ބަދަލާއެކީގައި އެ އަދަދު 12 ބިދޭސީންނަށް މަދުކޮށްލެވިގެން ދިޔަ ޑިޓެންޝަން ސެންޓަރުގައި ތިބި މީހުންގެ އަދަދު. އެހެންނަމަވެސް މިފަހުން އައި ބަދަލުތަކާއެކު އިތުރު ބަޔަކު އެތަނަށް ބަދަލުކުރަން ވެސް ޖެހުނު. މުޅި ޖުމްލަ މިހާރު އެތަނުގައި ތިބޭނީ 14 ވަރަކަށް މީހުން،" އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ޖަލެއްގައި ވެސް އެތަނެއްގައި ހުންނަ ޖާގައަށްވުރެ އިތުރަށް ގައިދީން ތިބޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޕެރޯލްގެ ޝަރުތު ހަމަވާ ގައިދީންނާއި ބަންދު މީހުންނަށް ލުއި ދިނުމަށްޓަކައި ޕެރޯލް ބޯޑުގެ ބައްދަލުވުންތައް ވެސް އޮންލައިންކޮށް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން އެ ނިޒާމް ހިނގަމުންދާ ވަރަކަށް އިތުރު ގައިދީން ޖަލު ނެރުމުގެ މަސައްކަތް ކުރެވެމުންދާނެ ކަމަށާއި އޭގެ އިތުރުން ވެސް ޝަރުތު ފުރިހަމަވާ ގައިދީންނަށް މާފު ދިނުމަށް އިތުރު ގޮތްތަކެއް ވެސް ހޯދަން މަސައްކަތް ކުރަމުން އަންނަކަން އަހުމަދު މުހައްމަދުފުޅު ފާހަގަކުރެއްވިއެވެ.