ކޮވިޑް 19އާ ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ ކާރިސާއިން ދަސްކޮށްދިން އެންމެ މުހިންމު އެއް ކަމަކީ އިގްތިސާދާއި ތިމާވެއްޓަށްވުރެ ދިރިއުޅުމުގެ ހުރިހާ ހަރުފަތެއްގައި ވެސް ސިއްހަތުގެ މުހިންމުކަން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްދާ ވޯލްޑް ހެލްތު އެސެމްބްލީގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑާ ގުޅިގެން މުޅި ދުނިޔެއަށް އާންމު ސިއްހީ ކާރިސާއެއް ކުރިމަތިވެފައިވާ މިވަގުތުގައި ހުރިހާ ރައްޔިތުންނާއި ގައުމުތަކުން އަދި ހާއްސަކޮށް ގައުމުތަކުގެ ހެލްތު މިނިސްޓަރުން ކުރިއަށްވުރެ ބޮޑަށް ހުޝިޔާރުވެ، ނުގުޑާ ފަދަ އަޒުމެއްގައި މިބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަމީން ވިދާޅުވީ، ކޮވިޑުގެ ކާރިސާއިން ދުނިޔޭގެ ގައުމުތަކަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއަށް ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކޮވިޑާ ދެކޮޅަށް ގައުމުތަކުގެ ހުރިހާ ވަސީލަތަކާއި ހަކަތައެއް ބޭނުން ކުރަމުން އައިނަމަވެސް މި ކާރިސާގައި އެހެން ސިއްހީ ބަލިތަކާއި ސިއްހީ ނިޒާމަށް ބޭނުންވާ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ކުޑަނުކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އިގްތިސާދާއި ތިމާވެއްޓަށްވުރެ ދިރިއުޅުމުގެ ހުރިހާ ހަރުފަތަކަށް ވެސް ސިއްހަތުގެ މުހިންމުކަން މި ކާރިސާއިން އެނގިގެން ހިނގައްޖެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދުނިޔެއަށް ދިމާވާ ކޮންމެ ސިއްހީ ކާރިސާއެއްގެ އަސަރު މުޅި އިންސާނިއްޔަތަށް ކުރާނެތީ ސިއްހަތަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ކުޑަ ނުކުރެވޭނެ ކަމަށެވެ.
މިިނިސްޓަރުގެ ތަގުރީރުގައި ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތު ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ޓޫރިޒަމްގެ ހަރަކާތްތަކާއި މަސް އެކްސްޕޯޓް ކުރުން ހުއްޓި، ތަކެތި އުފައްދާ ކުންފުނިތަކުން މުދާ އެކްސްޕޯޓް ކުރުން ކޮންޓްރޯލް ކުރުމާއި މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުން ހުއްޓުމަކަށް އައުމުން ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދިޔަ މަސައްކަތަށާއި ބޭހާއި އެހެނިހެން ސަޕްލައި ހޯދުމަށް ދަތިވެގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ހާލަތުގައި ވެސް ޑަބްލިޔުއެޗްއޯގެ ރީޖަނަލް އޮފީހުންނާއި ދޭދޭ ގައުމުތަކުން ދެއްވި އެހީތެރިކަން ވެސް މިނިސްޓަރު އަމީންގެ ތަގުރީރުގައި ފާހަގަކުރެއްވި އެވެ.
"މި ވަބާ ކޮންޓްރޯލް ކުރެވެން އޮތީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގައުމުތަކުގެ އެހީތެރިކަމާއެކު. އަދި ގައުމުތައް އެއްކޮށް ގުޅިގެން މަސައްކަތް ކުރަން ފަށައި، މުހިންމު މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދީފިނަމަ، އެކުގައި އެއް ދުނިޔެއްގެ ގޮތުގައި ކޮވިޑް 19 އިން އަރައިގަނެވޭނެ،" މިނިސްޓަރުގެ ތަގުރީރު ނިންމާލައްވަމުން ވިދާޅުވެފައިވެ އެވެ.