ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި، އައްސޭރި ޖަލުންނާއި މާލެ ޖަލުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނީ، މިދިޔަ ހޮނިހިރު ދުވަހު އައްސޭރި ޖަލުންނާއި މާލެ ޖަލުން ރެންޑަމްކޮށް ނެގި ސާޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި މޯލްޑްވިސް ކަރެކްޝަނަލް ސާވިސް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އައްސޭރި ޖަލުން 25 ގައިދީންނާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. އަދި މާލެ ޖަލުގެ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 މީހުންގެ ސާމްޕަލްއާއި އޮފިސަރުންގެ ތެރެއިން 20 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.
މި ދެ ޖަލުން ޖުމްލަ 72 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓުތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.
މީގެކުރިން ވަނީ މާފުށީ ޖަލުން ވެސް ގައިދީންނާއި އޮފިސަރުންގެ ސާމްޕަލްތައް ނަގައިފައެވެ. އެ ހުރިހާ ސާމްޕަލެއް ވެސް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.