ޚަބަރު

ބަންގްލަދޭޝްއަށް މީހުން ގެންދަން ހަމަޖެއްސި މޯލްޑިވިއަންގެ ފްލައިޓު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

އަލީ ޔާމިން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 200 މީހަކު އަނބުރާ ގައުމަށް ގެންދިއުމަށް ބާއްވަން ހަމަޖެއްސި މޯލްޑިވިއަންގެ ފްލައިޓު މޫސުން ގޯސްވުމުގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

މި ފްލައިޓު ފުރުމަށް އެންމެ ފުރަތަމަ ހަމަޖެެހިފައި އޮތީ މިއަދުއެވެ. ނަމަވެސް މޫސުން ގޯސްވެ، ފްލައިޓު މާދަމާއަށް ލަސްކުރިއެވެ. ފޮރިން މިނިސްޓްރީން މިއަދު ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ފްލައިޓު މުއްދަތެއް ނެތް ގޮތަށް ލަސްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 1،500 މީހަކު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ އެކި ފަހަރު މަތިން 450 އަށްވުރެ ގިނަ ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް 60،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރީން އުޅެއެވެ. އޭގެ ތެރޭގައި ގިނައީީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ރާއްޖެއިން މިހާތަނަށް 1،100 އަށް ވުރެ ގިނަ މީހުން ކޮވިޑު ޖެހިފައިވާއިރު އޭގެ ތެރޭގައިވެސް ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި ކޮވިޑު ޖެހިގެން އެގައުމުގެ މީހަކު ވަނީ ރާއްޖޭގައި މަރުވެސް ވެފައެވެ.