ޚަބަރު

ވައިގަދަވެ މަހިބަދޫ މިސްކިތެއްގެ މުންނާރުން ބައެއް ވެއްޓިއްޖެ

އަލީ ޔާމިން

ވައިގަދަވެ އދ. މަހިބަދޫ މަސްޖިދުލް އިހުސާނުގެ މުންނާރުން ބައެއް ވެއްޓިއްޖެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ހަލީލް މިރޭ ވިދާޅުވީ މިއަދު ހަވީރު 4:00 ހާއިރު ވައިގަދަވެ، މިސްކިތު މުންނާރުގެ ކޮޅުގައި ހުންނަ ދަގަނޑު ބައި ވެއްޓިފައިވާ ކަމަށެވެ.

މުންނާރުގެ ބައި ވެއްޓި ޖެހުމުގެ ސަބަބުން މިސްކިތު ފުރާޅުން ބައެއްވެސް ހަލާކުވެފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި މިސްކިތުގެ ސީލިންގުންވެސް ބައެއް ހަލާކުވެފައިވާއިރު ހަލާކުވި ތަންތަނަށް ވަގުތީ ހައްލެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވޭ. ނަމަވެސް މިސްކިތުގެ ފުރާޅުން ބައެއް ހަލާކުވެ ސީލިންގުން ބައެއް ވަނީ ހަލާކުވެފައި،" ހަލީލް ވިދާޅުވިއެވެ.

މަސްޖިދުލް އިހްސާނަކީ 1997 ވަނަ އަހަރު ރަނގަޅު ފެންވަރަކަށް ހަދާފައިވާ މިސްކިތެއް ކަމަށް ހަލީލް ވިދާޅުވިއެވެ. އެ މިސްކިތް ބިނާކުރެއްވީ، އަބްދުﷲ ރަޝީދު ކިޔާ ބޭފުޅެކެވެ.

ވައިގަދަވުމުގެ ސަބަބުން ފަސް ގަހެއް ވެއްޓުނު ކަމުގެ ރިޕޯޓުވެސް ލިބިފައިވާ ކަމަށާއި އެރަށުގައި ހުންނަ ދިރާގު އެންޓަނާގެ ދަނބުރާން ވެސް ކެނޑިފައިވާކަމަށް ހަލީލް ވިދާޅުވިއެވެ. އަދި ފާނަ ކޮށްޓެއްވެސް ކަނޑައިގެން ގޮސް ގެއްލުންތަކެއް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.