ޚަބަރު

ލޮންޑައުން އުވައިލަން އުޅޭކަމުގެ އިޝާރާތެއް މިނިސްޓަރު އަމީން ދެއްވައިފި

އަލީ ޔާމިން

މާލޭ ސަހަރައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އުވައިލުމުން، ހަލުވިކަމާއެކު ކޮވިޑު ފެތުރުމުގެ ބިރު އެބައޮތް ކަމަށާއި ނަމަވެސް ހައްލަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެ ހާލަތާ ދުރަށް ދާން ގުޅިގެން މަސައްކަތް ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމާ އެކު މާލޭ ސަރަހައްދު ލޮކްޑައުންކުރިއެވެ. ކޮންމެ 14 ދުވަހަކުން ލޮކްޑައުން ދިގުދަންމަމުން އައިސް މި މަހުގެ 28 އާ ހަމައަށް ވަނީ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، އާއްމުންނަށް ތަކުލީފު ލިބޭ ގޮތަށް މާލެ ބަންދުކޮށްގެން އަބަދަކު ނުތިބެވޭނެ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ލޮކްޑައުންގައި އަޅައިފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި، ކުރީގެ ލަފާ ކުރުންތަކާ އެއްވަރަށް ބަލި ނުފެތުރި ސަލާމަތްވީވެސް ރައްޔިތުން ދިން އެއްބާރުލުމުގެސަބަބުން ކަމުގައެވެ.

"މިގޮތަށް އާއްމުން އަމަލުނުކުރި ނަމަ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔައީސް. އެތައް ބަޔަކަށް ބަލި ޖެހި މިއަށްވުރެ ބޮޑު ނުރައްކާތަކަކާ ކުރިމަތިލާން ޖެހުނީސް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ، ލޮކްޑައުން ހުޅުވާލާ ވަގުތަކީ ނާޒުކު ވަގުތެއް ކަމަށާއި ޕޮޒިޓިވްވާ މީހުންނާއި ކްރިޓިކަލް ފަރުވާދޭ މީހުން އިތުރުވާނެ ކަމަށެވެ. އަދި މިހާރު ކުރަންވީ އެންމެ މުހިންމު ކަމަކީ އެ ހާލަތަށް ތައްޔާރުވުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 1،100 އަށްވުރެ މަތިވެފައިވާ އިރު، ކުރިން ލަފާކުރެވިފައި އޮތީ މި މަހުގެ 31 ދުވަހު ބަލީގެ ޕީކަށް ގޮސް އެދުވަހު އެކަނިވެސް 1،600 މީހުންނަށް ބަލި ޖެހޭނެ ކަމަށެވެ. ނަމަވެސް ޕީކުގެ ދެ ހަފުތާ ފެށިފައިވާ އިރު ކޮންމެ ދުވަހަކު ކޭސްތައް ފެންނަނީ ސިއްހީ ތަޖުރިބާކާރުންގެ އަންދާޒާއަށް ވުރެ މާ ބޮޑުތަނުން ވެސް މަދުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވި ނަމަވެސް އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނީ ނޫން ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

"ވިސްނަން ޖެހޭ ކަމަކީ މި ބަލިން އަދި ފަސޭހަވެގެން ދިޔައީކީއެއް ނޫންކަން. އިތުރަށް އަދި މި ބަލި ފެތުރޭ އިރުގައިވެސް ބަލީގައި ބޮޑުވަރު ވާނީ ނިސްބަތުން މަދު ބަޔަކަށް. ނަމަވެސް އެ މަދު ބައެއްގެ އަދަދު އިންތިހާއަށް އިތުރުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ނުރައްކާ ވަރަށް ބޮޑު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުން ހުޅުވާލާ ހާލަތަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުން ކަމަށާއި އެގޮތުން ކަމާބެހޭ އިދާރާތަކުންނާއި އާއްމު ރައްޔިތުން އަމަލުުކުރަން ޖެހޭ ވަކިވަކި ކަންތައްތަކެއް ކަނޑައަޅައި އާއްމުކުރާނެ ކަމަށެވެ.

ރާއްޖޭގައި ފަސް ސަރަހައްދެއްގައި، ކްރިޓިކަލް ފަރުވާ ދެވޭ ގޮތަށް ހަދާ ކޮވިޑް ސެންޓަރުތަކުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއްވެސް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެ ސެންޓަރުތަކުން ހިދުމަތް ދެވެން ފެށޭވަރުވާނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.