ރައީސް ޔާމީން

ރައީސް ޔާމީންގެ ހާލުކޮޅު ވަރަށް ރަނގަޅު، ހާލަތާ ގުޅޭ ޝަކުވާއެއް ވެސް ނެތް: ކޮމިޝަނަރު

މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހާލަތާ ގުޅޭ އެއްވެސް ޝަކުވާއެއްވެސް މިހާތަނަށް ލިބިފައިނުވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅުވައިގެން ރާއްޖެ ޓީވީން ގެނެސްދެމުން އަންނަ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތައް ނުވަތަ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ހާއްސަ އުސޫލަކުން އަމަލުކުރަމުން އަންނައިރު އެކަންކަން ކަށަވަރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިވަގުތު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށާއި ކޮވިޑުގެ މިހާލަތާ ގުޅުވައި ޝަކުވާއެއް ލިބިފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނު ވެސް މިވަގުތު ހާލުކޮޅު ވަރަށް ރަނގަޅު. ގަވާއިދުން ޗެކް ކުރުމާއި އާންމު އުސޫލުގެ ތެރެއިން ޖަލުތެރޭގައި ކުރާ ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރަމުން މިދަނީ. މިވަގުތާ ހަމައަށް ބައްޔާ ގުޅުވައި، ހާއްސަކޮށް މިހާލަތާ ގުޅުވައި ޝަކުވާއެއް ލިބިފައެއް ނެތް. އެކަން އަޅުގަނޑުމެން ކަށަވަރު ވެސް އެބަ ކުރަން،" އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެމަނިކުފާނަށް އިއްވި ޖަލު ހުކުމްގެ ތެރެއިން މިހާތަނަށް ތަންފީޒު ކުރެވުނީ އެންމެ ހަ ވަރަކަށް މަހެވެ. އަދި މިފަހަކަށް އައިސް ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.