ޚަބަރު

ޑަބްލިޔުއެޗްއޯ އިން އިތުރު 10،000 ޓެސްޓް ކިޓާއި ޕީޕީއީ ހަދިޔާކޮށްފި

ކޮވިޑް 19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން 10،000 ޓެސްޓްކިޓާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) މިއަދު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މި އެހީއާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ރެޕްރެޒެންޓެޓިވް ޑރ. އަރުވިންދު މާތުރުއަށް ގުޅުއްވައި، އެޖަމިއްޔާގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

ޑަބްލިޔުއެޗްއޯ އިން މިއަދު ހަދިޔާކުރި ކޮވިޑުގެ ޓެސްޓިން ކިޓާއެކު އެ ޖަމިއްޔާއިން ރާއްޖެއަށް މިހާތަނަށް 21،000 ޓެސްޓް ކިޓް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ކަނޑައަޅާ ޓެސްޓް ކިޓްގެ އަަދަދު އިތުރުވެގެންދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް ޑަބްލިޔުއެޗްއޯ އިން އެކިގޮތްގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހަައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައި ވެސް އެ ޖަމިއްޔާއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.