ނ. މަނަދޫން ކޮވިޑަށް ޕޮޒިޓިވްވި 80 އަހަރުގެ މީހާ ބަލިން ރަނގަޅުވެވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖެއިން ބައްޔާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ބަލި ޖެހިފައިވާ ގިނަ ބަޔަކު ބަލިން ރަނގަޅުވަމުން އަންނަ އިރު، މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭކަމީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މަނަދޫން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހާއަށް ފަރުވާދީފައިވަނީ އައިޖީއެމްއެޗުގައި ކަމަށާއި އެމީހާ ކޮވިޑަށް އެންމެ ފަހުން ކުރި ޓެސްޓްތަކުން ނެގެޓިވްވެފައިވާ ކަމަށެވެ.
"އައިޖީއެމްއެޗްގައި މިވަގުތު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން މަނަދޫން ޕޮޒިޓިވްވި 80 އަހަރުގެ މީހާގެ އެންމެ ފަހުން ނެގި ޓެސްޓްވެސް ވަނީ ކޮވިޑަށް ނެގެޓިވެވްވެފައި. މިއީ މިމަސައްކަތުގައި އުޅޭ މީހުންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މަނަދޫން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ ދިހަ މީހުންނެވެ. އޭގެ ތެރެއިން ފުރަތަމަ މިހާ ރަނގަޅުވެފައިވާ އިރު، އެރަށަށް ބަލި ދިޔަގޮތެއް ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ،