ޚަބަރު

ކުރެއްދޫ މައްސަލައިގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ހަތަރު ތުހުމަތެއްކޮށް ބަޔާން ނަގައިފި

އަލީ ޔާމިން

1

ރާއްޖެއިން ފުރަތަމަ ކޮވިޑް 19 އަށް ޕޮޒިޓިވްވި، އިޓަލީ މީހާ ކުރެއްްދޫ ރިސޯޓުން ފުރުވައިލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ރިސޯޓު ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ހަތަރު ތުހުމަތެއްކޮށް ބަޔާން ނަގައިފިއެވެ.

ކުރެއްދޫ ރިސޯޓުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ކުރެއްދޫގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގުގެ ތެރެއިން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ހަތަރު ތުހުމަތެއްކޮށް، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފައިވާ ކަމަށެވެ.

ފުލުހުން ކޮށްފައިވާ ތުހުމަތުގެ ތެރޭގައި އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ތުހުމަތާއި، ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއްނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުން ނުވަތަ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށްނުދިނުމުގެ ތުހުމަތާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަކަށް ހުރަސް އެޅުމުގެ ތުހުމަތުގެ އިތުރުން ފަރުވާލެއް ނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރުދެއްކުމުގެ ތުހުމަތު ހިމެނޭކަމަށް މުހުތާޒް ވިދާޅުވިއެވެ.

މުހުތާޒް ވިދާޅުވީ، ކުރެއްދޫ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ވަރަށް ވުރެ އިތުރަށްވެސް މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށާއި، އެދުމަކީ ކަން ހިނގާފައިވާ ގޮތް ރަނގަޅަށް ތަހުގީގުކޮށް އިހުމާލުވީ ކޮންބައެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށެވެ. އަދި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މުހުތާޒް ވިދާޅުވީ، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތަކަށް ކުންފުނީގެ ފަރާތުން ވާނީ އިންކާރުކޮށްފައި ކަމަށާއި އެހެންކަމުން މި ތުހުމަތުކުރެވުނު ސަބަބުތަކުގެ ތަފުސީލީ މައުލޫމާތު ފުލުހުންގެ ފަރާތުން އަވަސް މުއްދަތެއްގައި ލިބޭނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފުލުހުންގެ ފަރާތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ކުރެއްދޫ ރިޒޯޓުގައި ހުރުމަށް ފަހު، އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ ރިސޯޓުގައި ހުރި އިރު ވެސް އޭނާގެ ހަށިގަނޑުން ފެންނަމުން ދިޔައީ ކޮވިޑް19ގެ އަލާމާތްތައްކަން އެ ރިސޯޓުގެ ކަމާ ބެހޭ ފަރާތްތަކަށް އެނގޭ ކަމަށެވެ. އަދިވެސް އެ މައްސަލައިގައި ގިނަ ތުހުމަތުތަކެއް ފުލުހުން ވަނީ ކުރެއްދޫ ރިސޯޓުގެ މެނޭޖުމެންޓަށް ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟