ޚަބަރު

ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓާޕްލޭނެއް ތައްޔާރުކުރަނީ

ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓާޕްލޭނެއް ތައްޔާރުކުރުމަށް، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އާއި އިންޑިއާގެ ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ، ރާއްޖެއަށް ބޭނުންވާ ހުނަރުވެރި، މަސައްކަތުގެ ތަމްރީނު ލިބިފައިވާ ޒުވާން ޖީލެއް ބިނާކުރުމަށް ދިވެހި ސަރުކާރުގެ އިސް ނެންގެވުމާއެކު ކުރިއަށްގެންދާ މި ޕްރޮޖެކްޓުން ރާއްޖޭގެ އިގުތިސޯދު ހިންގުމުގައި ޒުވާނުންގެ ހަކަތަ އިތުރުކުރެވި ވަޒީފާގެ ބާޒާރުގައާއި ވިޔަފާރިކޮށްގެން ނަފާ ހޯދުމަށް ދިވެހި ޒުވާނުންނަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

އެގޮތުން ދިވެހި ސަރުކާރުގެ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނާއި 2019-2023 ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހާސިލުކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާއި ޕޮލިސީތަކާ އެއްގޮތަށް ހަދާ މި މާސްޓާޕްލޭން ޕްރޮޖެކްޓް ކުރިއަށްދާނީ ފަސް އަހަރު ދުވަހަށް ރޭވިގެން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މާސްޓާޕްލޭން ތައްޔާރު ކުރެވިގެންދާއިރު އެކި ދާއިރާތަކުގެ ކަމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއެކުގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ފުރަތަމަ ފޭސްގައި މަސައްކަތް ކުރެވޭނީ ސްކިލް ސެކްޓާތައް އެނަލައިޒް ކުރުމަށާއި ދިރާސާއަށް ކަމަށާއި އަދި ދެވަނަ ފޭސްގައި މާސްޓާޕްލޭން ތައްޔާރުކުރުމާއި ސްޓްރެޓެޖީތައް އެކަށައެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްޓިއަރިން ކޮމިޓީއެއް އެކުލަވާލެވި، މި ކޮމިޓީގެ ލަފައާއި މަޝްވަރާގެ މަތިން ހަދާ މި މާސްޓާ ޕްލޭނަށް ހަރަދު ކުރާނީ އެ މިނިސްޓްރީ އާއި ވޯލްޑް ބޭންކާއެކު ހިންގާ މީރާ ޕްރޮޖެކްޓެއްގެ ތެރެއިން ކަމަށެވެ. އަދި މި މާސްޓާޕްލޭން މިއަހަރުގެ ތިން ވަނަ ކުއާޓަރަށްދާއިރު ނިމޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.