ޚަބަރު

މިނިސްޓަރު މަހުލޫފު ދިރިއުޅުއްވާ ގެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަލީ ޔާމިން

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދިރިއުޅުއްވާ ގެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ދިރިއުޅުއްވާ ގެ ކަމަށްވާ، ހ. ދެތަނޑިމާލޮޖުން ކޮވިޑަށް މީހަކު ޕޮޒިޓިވްވުމުން މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެ ގެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

ދިރިއުޅުއްވާ ގެ މޮނީޓަރިންގެ ހާލަތުގައިވުމުން، އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ގޭގައި ހުންނެވިކަމަށް މަހްލޫފު ވިދާޅުވިއެވެ. އަދި މިހާލަތުގައި ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް ހުރިހާ ރައްޔިތުންވެސް އަމަލު ކުރުމަކީ މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފު ވިދާޅުވީ، ސިއްހީ މާހިރުން ދެމުން އަންނަ އިރުޝާދުތަކަށް ރައްޔިތުން ކިޔަމަންވާ ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ.

މިނިސްޓަރު މަހުލޫފު މީގެ ކުރިންވެސް ވަނީ ހޯމް އައިސޮލޭޝަނުގައި 14 ދުވަހު ހުންނަވައިފައެވެ. އެފަހަރު ހޯމް އައިސޮލޭޝަންގައި ހުންނަވަން ޖެހުނީ ޕޮޒިޓިވް ކޭސްތަކެއް ފެނުނު އިހުސާން ފިހާރައިގެ ޑެލިވަރީގެ މަސައްކަތުގައި މިނިސްޓަރު މަހުލޫފު އުޅުއްވުމުންނެވެ.