ޚަބަރު

އީއައިއޭ ރިޕޯޓްތައް އެޕްރޫވް ކުރަން އީޕީއޭއަށް ދިނުމަށް ފާސްކޮށްފި

އަހުމަދު ޖައިޝަން

ފަތުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކުރާ ރަށްތަކުގެ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް އެޕްރޫވް ކުރުމުގެ މަސައްކަތް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އަނބުރާ ދިނުމަށް ޓުއަރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ހުށަހަޅުއްވާފައިވާ އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި މިއަދު ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.

ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވި އިރު އީއައިއޭ އެޕްރޫވް ކުރުމުގެ މަސައްކަތް ވަނީ ޓުއަރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

ނަމަވެސް އެންމެ ފުރަތަމަވެސް އީއައިއޭގެ ރިޕޯޓުތައް އެޕްރޫވް ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ އީޕީއޭއިންނެވެ.