ވޯލްޑް ހެލްތު އެސެމްބްލީގެ 73 ވަނަ ބައްދަލުވުން ފަށައިފިއެވެ.
ރާއްޖޭގެ ފަރާތުން މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންނާއި ކޮވިޑު 19އާ ގުޅިގެން ފަންނީ ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރުންނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މިބައްދަލުވުމުގައި މިނިސްޓަރު އަމީން ތަގުރީރު ކުރެއްވުމަށް ހަމަޖައްސާފައިވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.
މިއަހަރުގެ ބައްދަލުވުމުގައި ގައުމުތަކުގެ ވަޒީރުންނާއި ދައުވަތު އެރުވިގެން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ތަގުރީރުކުރައްވާނީ "ކޮވިޑް 19 ރެސްޕޯންސް" އާ ބެހޭގޮތުންނެވެ.
ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ.
މީގެކުރިން މިބައްދަލުވުމަކީ ސްވިޒަލޭންޑްގެ ޖެނީވާގައި ކޮންމެ އަހަރަކުވެސް ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. ނަމަވެސް މިއަހަރުގެ ބައްދަލުވުމަކީ އެހެން އަހަރުތަކާ ހިލާފަށް ދެދުވަހުގެ މުއްދަތަށް، މިމަހުގެ 18 އަދި 19 އަށް ކޮންމެ ދުވަހަކު ތިން ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްދާ ބައްދަލުވެމެވެ. މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެމްބަރު ގައުމުތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއަހަރުގެ ބައްދަލުވުން ނިމިގެންދާނީ ކޮވިޑް 19އާ ގުޅޭގޮތުން ސިއްހަތާބެހޭ ވަޒީރުން އެއްބަސްވާ އެއްބަސްވުމެއް އެންޑޯޒް ކުރުމަށްފަހުއެވެ.
މިދިޔަ އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގެ ބައްދަލުވުން ކުރިއަށްދިޔައީ މެއިމަހުގެ 20 އިން 28 އަށް ސްވިޒލޭންޑްގެ ޖެނީވާގައެވެ. އެ ބައްދަލުވުމުގައި ސިއްހަތާއި ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭ ސައިޑް އިވެންޓްތަކުގައި ރާއްޖެއިން ބައިވެރިވެ، ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްގެން ދެ ސައިޑް އިވެންޓެއް ބޭއްވުނެވެ.