އަލީ ޔާމިން
ކޮވިޑް 19ގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާ ސަރުކާރުން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ ހިލޭ އެހީ ހަދިޔާކޮށްފިއެވެ.
މިއަދު މެންދުރުފަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. ކެނެޑާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން އެވެ.
އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއާއި، ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ކެނެޑާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތައް ތިބޭނެ ވަގުތީ ހިޔާއެއް ގާއިމުކުރުމާއި ބޭނުންވާ އިތުރު އެހީތައް ދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާނީ ޖެންޑާ މިނިސްޓްރީން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހާ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދެވޭނެ ކަމަށެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކެނެޑާއިން ރާއްޖެއަށް ދިން އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ކެނެޑާއިން ފޯރުކޮށްދިން އެހީތެރިކަމަކީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކެނެޑާއިން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގެ ހެއްކެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ.