ޚަބަރު

ގޭބަންދުގައި ތިބޭ މިވަގުތަކީ ތާރީހާއި ސަގާފަތުގެ މައުލޫމާތު ހޯދުމަށް ލިބިފައިވާ ފުރުސަތަކަށް ހައްދަވާ!: ޔުމްނާ

ކޮވިޑުގެ ވަބާއިން ރައްކާތެރިވުމަށް ގޭބަންދުގައި ތިބޭ މިވަގުތަކީ ތާރީހާއި ސަގާފަތާ ގުޅޭ މައުލޫމާތު ހޯދުމަށް ލިބިފައިވާ ފުރުސަތަކަށް ހެދުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އިލްތިމާސް ކުރައްވައިފި އެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ ދާރުލްއާސާރުތަކުގެ ދުވަހުގެ މުނާސަބާގައި މިނިސްޓަރު ޔުމްނާ ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިއާރަކީ "މިއުޒިއަމްސް ފޮ އިކުއަލިޓީ: ޑައިވާސިޓީ އެންޑް އިންކްލޫޝަން" ނުވަތަ "ހަމަހަމަކަމަށްޓަކައި ދާރުލްއާސާރުތައް: ތަފާތުތަކާއެކުވެސް ބައިވެރިކުރުން" ކަމަށެވެ.

މި ޝިއާރުން ބާރުއަޅަނީ ދާރުލްއާސާރުތަކާއި އާޓް ގެލެރީތަކަކީ މުޖްތަމައެއްގައި ހުރި ތަފާތުތަކާއެކު ވެސް އެންމެންގެ ބައިވެރިވުމާއިއެކު އެ މުޖްތަމައެެއްގެ ތާރީހާއި ސަގާފަތާއި ތަރިކައާއި ފަންނުވެރިކަން އެ ދާރުލްއާސާރެއް ހުރި މުޖްތަމައަކަށާއި ޒިޔާރަތްކުރާ މީހުންނަށް ދައްކުވައިދޭ ތަންތަން ކަމުގައި ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ، މުޅި ދުނިޔެ ކޮވިޑާ ހަނގުރާމަ ކުރާ މިދުވަސްވަރު ތާރީހާއި ސަގާފަތާއި ފަންނުވެރިކަމުގެ މުހިއްމުކަން އިހުނަށްވުރެ ބޮޑަށް އިހުސާސް ކުރެވޭ ކަމަށާއި އެއީ ސަގާފަތާއި ތަރިކައާއި ފަންނުވެރިކަން އެއީ އެންމެން ގުޅުވައިދީ އެއްބައިވަންތަކޮށްދޭ ތަކެއްޗަށް ވީތީ ކަމަށެވެ.

"މި އާލަމީ ވަބާއިން ރައްކާތެރިވުމަށް ގޭބަންދުގައި ތިބޭ މިވަގުތަކީ ތާރީހާއި ސަގާފަތާއި ތަރިކައާއި ފަންނުވެރިކަމުގެ މައުލޫމާތު ހޯދުމަށް ލިބިފައިވާ ފުރުސަތަކަށް ހައްދަވާށެވެ! ކުދީން ތަރުބިއްޔަތު ކުރުމުގައި ސަގާފަތާއި ތަރިކައާއި ފަންނުވެރިކަން އެއީ އޭގެ ބައެއް ކަމުގައި ހައްދަވާށެވެ! ކުދީންގެ ތައުލީމީ ބިންގާ އެޅިގެންދާއިރު އެކުދީންނަކީ އެކުދީންގެ ކާބަފައިންގެ އާދަކާދަތަކާއި ތާރީހާއި ސަގާފަތުގެ މައުލޫމާތު ލިބިފައިވާ މިކަންކަމަށް ލޯބިކުރާ ކުދީންކަމުގައި ހައްދަވާށެވެ!" މިނިސްޓަރު ޔުމްނާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ދުނިޔޭގެ ދާރުލްއާސާރު ދުވަހަކީ އިންޓަނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް (އައިކޮމް)ގެ ފަރާތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މުޖުތަމައުތަކުގައި ދާރުލްއާސާރުތަކާއި އާޓް ގެލެރީތަކުގެ މުހިންމު ދައުރާއި މެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.