އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލުކުރަމުން އަންނަ ދަރިވަރުން ރަޖިސްޓަރީވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮވިޑް 19 އާ ގުޅިގެން ދިމާވާ ދަތިތައް ބަލައި އެކި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި އެކަންކަން އަވަހަށް ނިންމުމުގެ ގޮތުން ބޭރުގައި ތިބި ދަރިވަރުންނާ ބެހޭ މައުލޫމާތު ވީހާވެސް އަވަހަށް އެ މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.
އެގޮތުން ރާއްޖޭން ބޭރުން މަތީ ތައުލީމަށް ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަންގެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީވެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮވިޑާ ގުޅިގެން އެކި ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެކި ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންތަކެއް ވަނީ ރާއްޖެ ގެނެސްފައެވެ.
މިހާތަނަށް ރާއްޖެ ގެނައި ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންނަކީ މެޑިކަލް ދަރިވަރުންނެވެ. އެ ދަރިވަރުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.