ޚަބަރު

ޑިސްއިންފެކްޓް ކުރުމަށް މަގުތަކަށް ސްޕްރޭ ކުރުން ރައްކާތެރިއެއް ނޫން: ޑަބްލިއުއެޗްއޯ

މުހައްމަދު އައުޒަމް

ޑިސްއިންފެކްޓް ކުރުމަށް މަގުތަކަށް ސްޕްރޭ ކުރުން ރައްކާތެރި ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

މަގުތައް ޑިސްއިންފެކްޓު ކުރުމަށް ބައެއް ގައުމުތަކުން މަގުމައްޗަށް ސްޕްރޭ ކުރިނަމަވެސް ކޮވިޑް ވައިރަސް ނައްތައި ނުލެވޭނެ ކަމަށާއި މިކަމުގެ ސަބަބުން އިތުރަށް ސިއްހީ ގޮތުން ނުރައްކާތެރި ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ޑަބްލިއު އެޗްއޯއިން ވަނީ ބުނެފައެވެ.

ވައިރަސް އިން ރައްކާތެރި ވުމަށް، ސާފުކުރުމާއި ޑިސްއިންފެކްޓު ކުރުމާބެހޭ ގޮތުން ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ބަޔާނުގައި ވަނީ މިކަމުގެ ނުރައްކާ ކިޔައިދީފައެވެ.

ޑަބްލިއުއެޗްއޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މަގުތަކާއި ބާޒާރުމަތީ ތަންތަން ޑިސްއިންފެކްޓް ކުރުމަށް ސްޕްރޭ ނުވަތަ ދުން އަރުވައިގެން ކޮވިޑް ފަދަ ވައިރަސް ނައްތައެއް ނުލެވޭނެއެވެ. މިފަދަ ތަންތަނަށް ސްޕްރޭ ކުރުމުން ނުވަތަ ދުން އެރުވުމުން އެތަނެއްގައި ހުންނަ ހިރަފުސް ނުވަތަ ތަޣައްޔަރު ވެފައި ހުންނަ އެއްޗެއްގެ ސަބަބުން ޑިސްއިންފެކްޓް އިންއެކްޓިވް ކޮށްލާނެ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ އެއްވެސް ހާލެއްގައި މަގުމައްޗާއި ޕޭވްމަންޓް ތަކަކީ ކޮވިޑް ވައިރަސް ހަރުލާފައި ހުންނާނެ ތަންތަން ކަމުގައި ނިންމާފައި ނުވާ ކަމަށް ބުނެފައެވެ. އަދި ވައިރަސް ނައްތައިލުމަށް ޑިސްއިންފެކްޓް ކުރުމުގެ ސަބަބުން އެކަމުގެ ސިއްހީ ނުރައްކާ މާ ބޮޑު ވެދާނެ ކަމަށް ބެލެވޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެބަޔާނުގައި ވާގޮތުން ޑިސްއިންފެކްޓް ކުރުމަށް ބޭނުންކުރާ ކެމިކަލްތަކުގެ ސަބަބުން އިންސާނުންނަށް ވެސް ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ވެދާނެއެވެ. އަދި ސިއްހީ ގިނަ މައްސަލަތަކެއް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

ޑަބްލިއުއެޗްއޯގެ ބަޔާނުގައިވަނީ ގޭތެރެ ޑިސްއިންފެކްޓް ކުރުމަށްވެސް ސްޕްރޭކުރުން ރައްކާތެރި ނުވާނެ ކަމަށް ފާހަގަކޮށްފައެވެ.