ޚަބަރު

ކޮވިޑް ނިމުމުން ދަތުރުކުރުމަށް އެމެރިކާގައި އެންމެގިނައިން ގޫގަލް ސާޗް ކޮށްފައިވާ މަންޒިލަކީ ރާއްޖެ

މުހައްމަދު އައުޒަމް

އެމެރިކާގައި އެންމެ ގިނައިން ގޫގުލް ސާޗް ކޮށްފައިވާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ގޫގުލް ޑޭޓާތަކުން ދައްކައިފިއެވެ.

ދުނިޔޭގައި ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ ދަތުރުފަތުރު ހުއްޓި ގައުމުތައް ބަންދުކޮށްފައި ވީނަމަވެސް ހުޅުވުމާއެކު ދަތުރުކުރާނެ ތަންތަން ހޯދުމުގެ މަސައްކަތް ގިނަމީހުން ވަނީ ފަށައިފައެވެ.

އެގޮތުން އެމެރިކާގައި އޭޕްރީލް އެކަކުން ފެށިގެން މެއި މަހުގެ 11 އާ ދެމެދު ގޫގުލް އިން އެންމެ ގިނަ އިން ސާޗް ކޮށްފައިވާ މަންޒިލަކީ ރާއްޖެއެވެ. އެމީހުން ސާޗުކޮށްފައި ވަނީ ރާއްޖެއަށް ދަތުރު ކުރާނެ ގޮތްތަކާ ބެހޭގޮތުން ކަމަށް ގޫގުލް ޑޭޓާ ތަކުން ވަނީ ދައްކައިފައެވެ.

އެމެރިކާ ވެސް ކޮވިޑާގުޅިގެން ލޮކްޑައުން ކުރުމާއެކު އެތައް ބަޔަކު ވަނީ ދަތުރުފަތުރުން މަހުރޫމް ވެފައެވެ. އެގައުމުގެ ރައްޔިތުން ގޫގުލްގައި ސާޗް ކޮށްފައިވާ ކަންކަމަށް ބަލާއިރު ފްލައިޓް ދަތުރުތައް ފެށޭނީ ކޮން އިރަކުން ތޯ އާއި ރާއްޖެއަށް ފްލައިޓު ދަތުރުކުރާނެ އަގުތަކާ ބެހޭގޮތުން ސާޗް ކޮށްފައި ވެއެވެ.

އެމެރިކާ މީހުން ގޫގުލް މެދުވެރިކޮށް ދެން އެންމެ ގިނަމީހުން ސާޗުކޮށްފައިވަނީ އިންޑިއާއެވެ. އަދި އިންޑިއާއަށް ދަތުރުކުރެވޭނެ ފްލައިޓް ތަކާބެހޭގޮތުން ވެސް ސާޗުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް19 އާ ގުޅިގެން އެމެރިކާގައި ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އެގައުމުގައި ކޮވިޑް ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު އިތުރަށް ލޮކްޑައުން ދިގުދަންމަން ޖެހިދާނެކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގައި މިހާތަނަށް 1.52 މިލިއަން މީހުންނަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. އަދި މިހާތަނަށް އެގައުމުން 89 ހާހަށްވުރެން ގިނަމީހުން ކޮވިޑްގެ ސަބަބުން މަރުވެފައި ވެއެވެ.