ޚަބަރު

ކޮވިޑް 19 : އަތޮޅުތެރޭގެ ހޮސްޕިޓާތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރާނަން: ނައިބު ރައީސް

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ މިހާލަތުގައި އަތޮޅުތެރޭގެ ހޮސްޕިޓާތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ކޮވިޑް 19 ފިޔަވައި އެހެން ބަލިތަކަށް ފަރުވާ ދިނުމުގެ އިންތިޒާމުތަކާއި ގުޅިގެން އަތޮޅުތެރޭގެ ހޮސްޕިޓާތަކުގެ އިސްފަރާތްތަކާއި ސިއްހީ ދާއިރާގެ އިސް ފަރާތްތަކާއިއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެގޮތުން އޮންލައިން ކޮށް ބޭއްވި މި ބައްދަލުވުމުގައި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓާތަކުގެ ވެރިން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އާސަންދަ ކުންފުނި އަދި ތެލެސީމިއާ ސެންޓަރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެހެން ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކުގެ އިތުރުން މި ކަމުގައި ދިމާވާ ދަތިތައް މި ބައްދަލުވުމުގައި ނައިބު ރައީސް އޮޅުންފިލުއްވިއެވެ. އަދި ހާއްސަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އަތޮޅުތެރޭގައި އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތާއި، ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުން ނައިބު ރައީސް މައުލޫމާތު ސާފު ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަތޮޅު ހޮސްޕިޓާ ތަކާއި ރީޖަނަލް ހޮސްޕިޓާތަކުގެ ވެރިން މި ބައްދަލުވުމުގައި ވަނީ އެ އިދާރާތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ނައިބު ރައީސާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން މިހާލަތާ ގުޅިގެން އެހީތެރިކަން ބޭނުންވެފައިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، އެމީހުންގެ ކަންކަން މެނޭޖްކުރުމަށް މިހާރު ކުރަމުން އަންނަ އިންތިޒާމުތަކުގެ މައުލޫމާތު ނައިބު ރައީސާ ހިއްސާ ކުރެއްވިއެވެ. އަދި ހާއްސަ ބަލިތަކަށާއި އެހެނިހެން އާންމު ބަލިތަކަށް ބޭނުންވާ ބޭހާއި ބައެއް މެޑިކަލް ކޮންސިއުމަބުލް ލިބުމުގައި ހުރި ދަތިތައް ވެސް ހިއްސާކުރިއެވެ.

މި ބައްދަލުވުން ނިންމާލަމުން، މި ހާލަތުގައި ފަރުވާގެ ކަންކަން މެނޭޖްކުރުމުގައި ހޮސްޕިޓާތަކާއި އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ކުރައްވާ މަސައްކަތްތައް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑް 19 ފެތުރިފައިވާ މި ހާލަތުގައި އުމުރުން ދުވަސްވީ މީހުން، ރައްކާތެރިކަމުގެ ގޮތުން އަމަލުތައް ބަހައްޓަން ޖެހޭ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިއްމުކަން ނައިބު ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މާބަނޑު މީހުންނާއި ޑައިލަސިސް ހަދާ މީހުންނަށް ބޭނުންވާ ފަރުވާގެ ކަންކަން ފަދަ އިންތިޒާމުތައް އަތޮޅުތަކުގައި ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.