ކޮފީ އަކީ ގިނަ މީހުން ވަރަށް ގަޔާވާ ބުއިމެކެވެ. ހާއްސަކޮށް ދިވެހިންގެ މެދުގައި ކޮފީއަކީ މަގުބޫލު ބުއިމެކެވެ. ލޮކްޑައުންގެ ސަބަބުން ގިނަ ބަޔަކު ގޭގައި ތިބޭ މި ދަނޑިވަޅުގައި ގޭގައި ތިބެގެން ކޮފީގެ އެކި ރަހަތައް ތައްޔާރުކޮށްލެވިދާނެއެވެ. އެގޮތުން ޑަލްގޯނާ ކޮފީއަކީ ތަޖުރިބާކޮށްލަން ރަނގަޅު ބުއިމެކެވެ.
ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
ބައި ޖޯޑު ހޫނުފެން
2 މޭޒުމަތީ ސަމުސާ ކޮފީ
ކިރު (ޕެކެޓް ކިރު/ހަކުރާ ނުލައި ގިރާފައި ހުރި ކިރު ވެސް ރަނގަޅުވާނެ)
އައިސް ކިއުބް ކޮޅެއް
2 މޭޒުމަތީ ސަމުސާ ހަކުރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކޮފީ އާއި ހަކުރާއި ހޫނު ފެން ތައްޓަކަށް އަޅާފައި އޮލަވަންދެން ގިރައިލާށެވެ. މިކްސަރުންވެސް މިކަންކޮށްލެވިދާނެ އެވެ.
އޭގެ ފަހުގައި ބިއްލޫރި ތައްޓެއްގެ ތެރެއަށް ދެތިން އައިސް ކިއުބް ލައި، ތަށީގެ ހަތަރު ބައި ކުޅަ ތިން ބަޔަށް ކިރު އަޅާނީއެވެ. ދެން އޭގެ މައްޗަށް ކުރިން ތައްޔާރުކުރި އޮލަ ކޮފީ އެޅުމުން އެހުރީ ޑަލްގޯނާ ކޮފީ ތައްޔާރުކުރެވިފައެވެ. މިއީ ފިނިކޮށް ޑަލްގޯނާ ކޮފީ ތައްޔާރު ކުރާނެ ގޮތެވެ. ހޫނުކޮށްވެސް މި ކޮފީ ތައްޔާރު ކުރެވިދާނެއެވެ.