އަލީ ޔާމިން
ކޮވިޑް 19ގެ ނުރައްކާ ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދޭން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
އެކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަހަރުގެ ރަމަޟާން މަސް އަލްވަދާއު ކިޔުމާ ގާތްވެފައިވާއިރު، ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީހް ނަމާދު ކުރުމާއި ދަމުނަމާދު ކުރުމަށް ހުރަސް އެޅިފައި ވުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުންދާއިރުވެސް ބަލީގެ ނުރައްކާ ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާވެފައި އޮތުމަކީ ރާއްޖޭގައި ތިބި އިސްލާމްދީނަށް ލޯބިކުރާ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ކަމެއް ކަމަށެވެ. އަދި ކޮވިޑުގެ ނުރައްކާ ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެއެވެ.
މީގެ އިތުރުން، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ، ރައްކާތެރިކަމާއި، ސާފުތާހިރުކަން ކަށަވަރު ކުރެވޭނެ ގޮތަށް ބަލީގެ ނުރައްކާ ނެތް ރަށްރަށުގެ މިސްކިތްތައް ވީހާވެސް އަވަހަށް އާންމުންނަށް ހުޅުވާލުމަށް ގޮވާލައިފައެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ކޮވިޑުގެ ނުރައްކާ ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.