މިންހާ ފާއިޒް ރަޝާދު
ކޮވިޑް19ގެ ފަރުވާއަށް ބޭނުންވާ ވެކްސިން އެންމެ ފުރަތަމަ ލިބޭނީ އިނގެރޭސި ވިލާތަށް ކަމަށާއި އޭގެ ފަހުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ހެޔޮ އަގުގައި ފޯރުކޮށްދޭނެ ކަމަށް އެގައުމުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިނގިރޭސިވިލާތުގެ ބިޒްނަސް ސެކްރަޓަރީ އަލޮކް ޝަރުމާ ވިދާޅުވީ ވެކްސިން އުފެއްދިދާނެ ކަމަށް ބެލެވޭ އެންމެ މޮޅު މީހުން ތިބީވެސް އިނގިރޭސިވިލާތުގައި ކަަމަށާއި އެއީ ޔުނިވާސިޓީ އޮފް އޮކްސްފާޑް އަދި އިމްޕީރިއަލް ކޮލެޖް ލަންޑަންގައި ކަމަށެވެ.
އަލޮކް ވަނީ ސަރުކާރުން ވެކްސިން ޕްރޮގްރާމަށް ފަންޑުކުރާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކުރައްވައިފައެވެ.
"އޮކްސްފޯޑުން ތައްޔާރުކުރި ވެކްސިންގެ ކްލިނިކަލް ޓްރައިލް މިހާރު ކާމިޔާބު ކަމާއެކު ކުރިއަށް އެބަދޭ، އޭގެ ފޭސްވަންގެ ވޮލަންޓިއަރުންނަށް ވަނީ މިދިޔަ ހަފުތާގައި ވެކްސިންގެ ފުރަތަމަ ޑޯޒްދީފަ. މިހާރު އެމީހުން ތިބީ މޮނީޓަރިންގަ. އިމްޕީރިއަލް ކޮލެޖުންވެސް ރަނގަޅު ޕްރޮގްރެސްއެއް އެބަފެނޭ. ނަމަވެސް ޖޫން މެދުތެރޭ ހެން ހީވަނީ ކްލިނިކަލް ޓްރަޔަލްއެއް ހެދޭނީ. އަދި ގިނަ ޓްރަޔަލްތަކެއް އޮކްޓޯބަރު ހިސާބުގައި ހެދޭނެ ކަމަށް ބެލެވޭ" އަލޮކް ވިދާޅުވިއެވެ.
ވެކްސިން އުފެއްދިއްޖެ ނަމަ ކާމިޔާބުކަމާއެކު މެނުފެކްޗާ ކުރާނެ ގޮތަކާމެދުވެސް އެގައުމުގެ ސަރުކާރުން ވިސްނަމުން އަންނަ ކަމަށް އަލޮކް ވިދާޅުވިއެވެ.
"ސަރުކާރުގެ އެއްބާރުލުމާއެކު އޮކްސްފޯޑުން ވަނީ ބައިނަލް އަގުވާމީ ލައިސެންސިން އެގްރީމަންޓެއް އެސްޓްރާޒެނެކާ ކިޔާ ކުންފުންޏަކާއެކު ހަދާފަ. އެއީ ވެކްސިނެއް ތައްޔާރުކުރެއްވިއްޖެ ނަމަ، އެ ވެކްސިން މެނޭޖްކޮށް އެ މަނުފެކްޗަރު ކުރުމަށް ވެފައިވާ އެއްބަސްވުމެއް. ވެކްސިން ކާމިޔާބު ވެއްޖެ ނަމަ އެސްޓްރާޒެނެކާ އިން 30 މިލިއަން ވެކްސިން ޑޯޒު ސެމްޓެމްބަރުގެ ނިޔަލަށް ފޯރުކޮށްދޭނެ. މި އެއްބަސްވުމުގެ ދަށުން މުޅި ޖުމުލަ 100 މިލިއަން ޑޯޒު ތައްޔާރު ކުރާނެ" އަލޮކް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް19ގެ ފަރުވާއަކަށް ހަ ބޭހެއް ޓެސްޓު ކުރުމަށް ކްލިނިކަލް ޓްރަޔަލްގެ މަސައްކަތް ފަށާފައިވާކަމަށްވެސް އަލޮކް ވިދާޅުވިއެވެ.