ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސްބުނެފައިވާކަމުގެ ދޮގު އިލްތިޒާމު އެޅުވި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސްބުނެފައިވާކަމުގެ ދޮގު އިލްތިޒާމު އަޅުވައި، މި ރަމަޟާން މަހުގެ ފަހު ދިހައިގެ މަތިވެރި ދުވަސްތަކުގައި ރ. އަޮނގޮޅިތީމު، ޖީޒާގޭ، އަލީ އިބްރާހިމް ދައްކާފައިވާ ދޮގު އިލްޒާމުތައް ތަހުގީގުކޮށް، އޭނާއާއި އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާ މެދު ޖިނާއީ ދައުވާ ކޮށްދެއްވުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ހ)ގެ (5)ގައި ބަޔާންކޮށްފައިވަނީ "ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ" ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.
"އަލީ އިބްރާހިމް ދައްކާފައިވާ ވާހަކައަކީ މިފަދަ ކުށަކަށްވާއިރު، ރަމަޟާން މަހުގެ ފަހު ދިހައިގައި މި މައްސަލަ ކުރިމަތިކުރުވައި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައިކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރައްވައެވެ." ރައްޔިތުންގެ މަޖިލީހުގެ ބަޔާނުގައިވެ އެވެ.