ޚަބަރު

ރާއްޖޭގައި މުއާސަލާތީ ނިޒާމު އެދެވޭ ފެންވަރެއްގައި ގާއިމުވެފައި އޮތުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް: މިނިސްޓަރު

އަލީ ޔާމިން

ރާއްޖޭގައި މުއާސަލާތީ ނިޒާމު އެދެވޭ ފެންވަރެއްގައި ގާއިމުވެފައި އޮތުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މަލީހު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި ފާހަގަކުރެވެނީ މުޅި ދުނިޔެ އަދި ރާއްޖެވެސް، ނުރައްކާތެރި ސިއްހީ ބަލިމަޑުކަމަކާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގެ އައިސީޓީ މާހައުލަށް ބަލައިލާ އިރު، އެކަށީގެންވާ މިންވަރަކަށް ހިދުމަތާއި އިންފްރާސްޓަރަކްޗާ ތަރައްގީ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބާ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގައިވެސް ފައިބާ ނެޓްވޯކްތައް ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދުވަހުން ދުވަހަށް ފައިބާ ނެޓްވޯކާ ގުޅާލެވޭ ރަށްތައް އިތުރުވެ، މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ލިބޭ ކަމަށާއި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ހިދުމަތާއި 5ޖީ ޓެކްނޮލޮޖީގެ ހިދުމަތްވެސް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާ އިރު، އައިސީޓީގެ ވަސީލަތްތަކުގެ މުހިއްމުކަން މިވަނީ އިހުނަށް ވުރެ އެތައް ގުނައަކުން ބޮޑުވެފައި ކަމަށާއި، ހުރިހާ މުއާމަލާތެއް ކުރުމުގައި ވެސް، އިންޓަނެޓާއި އެހެނިހެން އައިސީޓީ ވަސީލަތްތަކުގެ ބޭނުން މިވަނީ ނުހަނު ބޮޑުވެފައި ކަމަށް ވިދާޅުވިއެވެ. އެގޮތުން ޖަލްސާތަކާއި އޮފީސްތަކުގެ އެންމެހައި މަސައްކަތްތައް ކުރެވެނީ އިންޓަނެޓް މެދުވެރިކޮށް އޮންލައިން ޒަރިއްޔާއިންކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދޭން މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ މުއާސަލާތީ ނިޒާމު އެދެވޭ ފެންވަރެއްގައި ގާއިމުވެފައި އޮތުމަކީ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި މުއާސަލާތީ ހިދުމަތްތައް ބޭނުންކުރާ މިންވަރު އެތައް ގުނައަކަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ އެދުމާ އެއްގޮތަށް، ރާއްޖޭގެ މުއާސަލާތީ ކުންފުނިތަކުން، ރަނގަޅު ފެންވަރެއްގައި ހިދުމަތްތައްދީ އެ ހިދުމަތްތައް ދަމަހަށްޓަން ކުރަމުންގެންދާ ބުރަ މަސައްކަތްތަކަށް ޝަކުރު އަދާ ކުރާ ކަމަށެވެ.

"ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތަށް ރިއާޔަތްކޮށް ރައްޔިތުންނަށް ލުއިތައް ލިބޭނޭ ގޮތަށް ޑޭޓާ އެލަވަންސްތަކާއި ޑިސްކައުންޓްތައް ތައާރަފުކޮށްފައިވާކަންވެސް އުފަލާއެކު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު ވަނީ މުޖުތަމައުގެ ލާބައާއި ފައިދާއަށް އައިސީޓީގެ ވަސީލަތްތައް ރައްކާތެރިކަމާއެކު، ހުރިހާ ބޭފުޅުންވެސް ބޭނުންކުރެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.