ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން ދޭ އިނާޔަތް މުރާޖައާކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައި ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން ކުރަމުންގެން އަންނަ މަސައްކަތްތަކުގެ ދަށުން، ބޮޑެތި މުސާރަ ދޭ ފަރާތްތަކުގެ މުސާރަތައް މިހާރު ވަނީ ކުޑަކޮށްފައެވެ.
އެގޮތުން ކުންފުނިތަކާއި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ މުސާރައިން، 20 ޕަސެންޓުން 30 ޕަސެންޓާ ހަމައަށް މުސާރަތައް ކުޑަ ކުރަން ފިނޭންސް މިނިސްޓްރީން ނިންމާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ އަސާސީ މުސާރަ، ކަނޑައަޅާފައިވާ ނިސްބަތުން 20 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އަދަދަކަށް އުނި ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ސިވިލް ސާވިސްގެ އާދައިގެ މުވައްޒަފެއް އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަަފެއްގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގައި ހިމެނެނީ، މާލީ އިނާޔަތްތަކުގެ ގޮތުގައި 75،000 ރުފިޔާ އާއި އެކޮމޮޑޭޝަނަށް 10،000 ރުފިޔާގެ އިތުރުން އޮފީސް ހިންގުމަށް ދޭ 87،000 ރުފިޔާއެވެ.