ޚަބަރު

ވޯލްޑް ހެލްތު އެސެމްބްލީގެ ބްރީފިން ބައްދަލުވުމުގައި މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެންފި

އަލީ ޔާމިން

ވޯލްޑް ހެލްތު އެސެމްބްލީގެ ވާޗުއަލް ބްރީފިންގެ ބައްދަލުވުމުގައި މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

އިއްޔެ ބޭއްވި މިބައްދަލުވުމަކީ، ކޮންމެ އަހަރަކު ސްވިޒަލޭންޑްގެ ޖެނީވާގައި ބާއްވާ ވޯލްޑް ހެލްތުގެ އެސެމްބްލީއަށް ދިވެހިރާއްޖޭގެ ވަފްދު ފުރުމުގެ ކުރިން ޑަބްލިޔުއެޗްއޯ މާލެ އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.

މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން 18 މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް 19އާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، ގައުމުތައް އެކުވެގެން ކޮވިޑް 19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމެވެ.

އިއްޔެގެ ބްރީފިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑަބްލިޔުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރް ވިދާޅުވީ، މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީއަކީ ޑަބްލިޔުއެޗްއޯގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބޭއްވޭ އެސެމްބްލީކަމާއި، މިގޮތަށް ބައްދަލުވުން ބާއްވާ ގޮތަށް ހަމަޖެހުމުން ގައުމުތަކުން ގިނަ އަދަދެއްގެ މެންބަރުންނަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ 18 މެންބަރުންގެ ވަފްދަކީ ދިވެހިރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ އެންމެ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދުކަން ވެސް ފާހަގަކުރެއްވިއެވެ.