ޚަބަރު

މިހާލަތުގައި ވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ކޮވިޑް 19ގެ ނުރައްކަލާ ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައި ވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ފަލަސްތީނާ އިސްރާއީލު އޮތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭގޮތަށް އިސްރާއީލުން ހިންގަމުން އަންނަ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން މިކަން ކުށްވެރިކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ނަން-އެލައިންޑް މޫވްމަންޓް (ނާމް) އިން ނެރުނު ގަރާރަށް ތާއީދުކުރަމުންނެވެ.

ނާމްގެ ގަރާރުގައި ވަނީ ކޮވިޑް 19 އާ ދެކޮޅަށް ދުނިޔެއިން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި ވެސް 1967ގެ ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން މިހާރު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އެތައް އަނިޔާތަކެއް ލިބި، އެމީހުންގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ. އަދި އިސްރާއީލުގެ މި އަމަލުތައް ނުހުއްޓައިފިނަމަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް "ޓޫ ސްޓޭޓް ސޮލިއުޝަން" ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެން އުޅޭ އުޅުން ކުށްވެރިކޮށް، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އެންމެހައި އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް ރާއްޖެ ހިމެނޭ ގޮތަށް ނާމްގެ ގައުމުތަކުން ވަނީ އިސްރާއީލަށް ގޮވާލައިފައެވެ.

ހަމައެއާއެކު އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބާ މައްސަލައިގައި އެގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައި، 1967 ވަނަ އަހަރުގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރު އެޅުމަށާއި އަދި އެކަންތަކަށް ބާރުއެޅުމުގެ ގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިސްރާއީލުގެ ވިޔަފާރިތަކާ މުއާމަލާތު ނުކުރުމާއި ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އުފައްދާ މުދާ ބައިނަލްއަގުވާމީ ބާޒާރަށް ނެރުނަ ނުދިނުމަށް ވެސް ނާމްގެ ގަރާރުގައި ބާރު އަޅާފައިވެއެވެ.

ނާމް އިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުން، އެމަޖިލީހުގެ ޒިންމާ އަދާކޮށް ފަލަސްތީނުގެ މައްސަލައިގައި އެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކޮށް، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ގޮވާލައިފައެވެ. އަދި އިތުރު ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން ބައިނަލްއަގްވާމީ ސުލްހައަށް އެޅިގެންދާ ހުރަހެއް ކަމަށް ވެސް ނާމްގެ ގައުމުތަކުން ގަބޫލުކުރެއެވެ.

ދިވެހިރާއްޖެއާ ނާމްގެ އެހެން ގައުމުތަކުން ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައިވާ ވެރިވެގަތުމަށް ނިމުމެއް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިުކޮށް އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުުދުސް އޮންނަންޖެހޭ ކަމަށް ގަބޫލުކުރާ ސިޔާސަތު އަނެއްކާ ވެސް ތަކުރާރުކޮށްފައެވެ.