އަލީ ޔާމިން
ފުލުހުންނާއި އެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން ޖުމުލަ 23 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ ފުލުހުންނާއި ސްޓާފުންނާ މިއަދު ވާހަކަދައްކަވާފައިވާ ކަމަށާއި އެ 23 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ކޮމިޝަނަރު ހަމީދު ވިދާޅުވީ، އެމީހުން ޕޮޒިޓިވްވުމާ ގުޅިގެން ފުލުހުންނާއި އެއިދާރާގެ ސްޓާފުން ހިމެނޭހެން ޖުމްލަ 293 މީހަކު އައިސޮލޭޝަނުގައި އެބަތިބި ކަމަށެވެ.
މީގެ އިތުރުން ކޮވިޑުގެ ސަބަބުން ގިނަ ގޮންޖެހުންތަކާއެކުވެސް ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށާއި އަދި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންގެ އަދަދު މަދުވިޔަ ނުދިނުމަކީވެސް މުހިންމު ކަމެއް ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެ.
ފުލުހުންނާއި އެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޮމިޝަނާ ހަމީދު ވިދާޅުވެފައިވާ އިރު، ބައްޔަށް ޕޮޒިޓިވްވެފައިވަނީ ސީދާ ކިތައް ފުލުހުން ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި 40 ސިފައިންވެސް ހިމެނެއެވެ.