އަލީ ޔާމިން
މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް 19 އެކެއްގެ ފުށުން އަނެކަކަށް ޖެހެނީ ކެއްސައި ކިނބިހި އެޅުމާއި، ބަލި މީހަކު އަތްލާފައި ހުރިތާކު އަތްލެވުން ފަދަ ކަންތައްތަކުގެ ސަބަބުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ނަމަވެސް އެނޫން ބައެއް ގޮތްގޮތުންވެސް ވައިރަސް ފެތުރިދާނެ ކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާގެ ކުޑަކަމުދާތަކެއްޗާއި، ބޮޑުކަމުދާ ތަކެތިން ވައިރަސް ފެތުރޭ ކަމަށް ބައެއް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ބަލި ޖެހިފައިވާ މީހަކު ބާރަށް ވާހަކަ ދެއްކުމުން އޭނާގެ އަނގައިން ވައިގެ ތެރެއަށް ދޫވާ ވައިރަހުގެ ތިކިތައް ގިނަވެގެން 14 މިނެޓު ވަންދެން ވައިގެ ތެރޭގައި ހުންނާނެ ކަމަށް އެމެރިކާގެ ސައިންސްވެރިން ޓީމަކުން ވަނީ ބުނެފައެވެ. އެމެރިކާގެ މެރީލޭންޑްގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓިސް އެންޑް ޑައިޖެސްޓިވް އެންޑް ކިޑްނީ ޑިޒީސްގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި ބަލި ޖެހިފައިވާ މީހަކު ބާރަށް ވާހަކަ ދެއްކުމުން އޭނާގެ އަނގައިން ބޭރުވާ ވައިރަސް ވައިގެ ތެރޭގައި ގިނަވަގެން 14 މިނެޓާއި ހަމައަށް ހުންނާނެއެވެ.
އެ އިންސްޓިޓިއުޓްގެ ސައިންސްވެރިން ބުނާ ގޮތުންނަމަ، ބެދިފައި އޮންނަ މާހައުލެއްގައި، ބަލި ޖެހިފައިވާ މީހަކު އާދައިގެ ބާރުމިނެއްގައި ވާހަކަ ދެއްކުމަކީވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމެކެވެ. ނަމަވެސް ވެންޓިލޭޝަން ރަނގަޅު ތަނެއްގައި ނަމަ އެ ފުރުސަތު ކުޑަވާނެ ކަމަށް ފާހަގަކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން "ވަން"އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ތިން ފޫޓު ދުރުގައި ހުރެގެން ވާހަކަ ދައްކަނީނަމަ ވައިރަސް ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށެވެ. އަދި ބެދިފައި ހުންނަ ތަނެއް ނަމަ ވައިރަސް ވައިގެ ތެރޭގައި އިރުކޮޅެއްވަންދެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
"އޯޕަން މާހައުލެއްގައި، ވެންޓިލޭޝަން ރަނގަޅުތަނެއްގައި ވައިގެ ތެރޭގައި ވައިރަސް ހުރެދާނެ ކަމަށް އެހެން އަދި އެނގިފައެއް ނެތް. ނަމަވެސް ބެދިފައި ހުންނަ ތަންތަނުގައި ކޮންމެވެސް އިރެއްވަންދެން ވައިރަސް ހުރޭ. ސީދާ ކިތައް މިނެޓު ކަމެއް އެހެން ދަންނަވާކަށް ނޭނގޭ" ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މޫސާ މުރާދު ވިދާޅުވީ، ވާހަކަ ދައްކާއިރު، ފޭސް މާސްކާއި ފޭސް ޝީލްޑް ބޭނުން ކުރުމަކީ ބަލިން ރައްކާތެރިވުމަށް ކުރުން މުހިންމު ކަމެއް ކަމަށެވެ.