މިމަހުގެ 18، 20 އަދި 26 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން ބުނީ، މި ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ހަތަރު އަސާސީ ބޭންކިންގެ ހިދުމަތެއް ލިބޭނެ ކަމަށެވެ. ނަމަވެސް ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި ކަސްޓަމަރުންގެ ތެރެއިން ހުއްދަ ލިބިފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު ފަސް ލައްކަ ރުފިޔާ ޖަމާކުރެވޭ އިރު، އާންމު ފަރުދުންގެ އެކައުންޓަކަށް އެއްލައްކަ ރުފިޔާ ޖަމާކުރެވޭނެއެވެ.
އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ގެ ހިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދުވެރިކޮށް ފޮނުވޭނެ އެވެ. އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ޓީޓީ ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ. އެގޮތުން ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓާ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ޕޭ ރޯލްގެ ހިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/business/banking-services/payroll-service މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސް ކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށެވެ.
ބީއެމްއެލް އިން ބުނީ، އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކުތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށާއި ހެނދުނު 11.30 ކުރިން ޖަމާކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ، ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އަދި ހެނދުނު 11.30 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފާ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ.
އޭގެ އިތުރުން ހެނދުނު 11.30 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.