އައްޑޫ ސިޓީ

ވިއްސާރާގައި އައްޑޫސިޓީއަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ މައުލޫމާތު ގައުމީސަލާމަތާބެހޭ ކޮމިޓީން ހޯދައިފި

އިބްރާހިމް ޒަކީ

އައްޑޫ ސިޓީގެ ރަށްތަކަށް ކުރަމުންދާ ވިއްސާރާގައި އެ ސިޓީއަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ގައުމީސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ހޯދައިފިއެވެ.

މިކަމާބެހޭ މައުލޫމާތު އެ ކޮމިޓީން ހޯދާފައިވަނީ، އައްޑޫ ސީޓީއަށް ކުރަމުންދާ ވިއްސާރާއިގައި ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އިއްްޔެ ބޭއްވި އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އައްޑޫސީޓީގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތަކާއި، އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވާން ދިމާވާ މައްސަލަތަކާބެހޭ މައުލޫމާތު، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި އެހެން ކައުންސެލަރުން ވަނީ ކޮމިޓީއަށް ދީފައެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި އައްޑޫ ސީޓިގައި ފެންބޮޑުވާ ސަރަހައްދުތަކާއި އެކަމާގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކާބެހޭ ޕްރެޒެންޓޭޝަނެއް އައްޑޫ ސިޓީގެ މޭޔަރު ވަނީ ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.

މި ބައްދަލުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ލޯކަލް ގަވަންމަންޓް އޮތޯރިޓީ އާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ބޭފުޅުންވެސް ބައިވެރި ކޮށްފައިވެއެވެ.

ކޮންމެ އަހަރަކު ހަތަރު ފަހަރެއްގެ މަތިން އާއްމުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ ވިއްސާރައާއި، އެފަދަ ހާއިސާތަކާގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ ކަންތައްތަކާއި އެކަން ކުރިއަށްގެންދާ އުސޫލުތަކުގެ މައުލޫމާތުވެސް ކޮމެޓީން ވަނީ ނަގައިފަ އެވެ.

މި ބައްދަލުވުމުގައި، އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ، މިދިޔަ ބުދަ ދުވަހުން ފެށިގެން އައްޑޫ ސީޓީއަށް ކުރަމުންދާ ވިއްސާރައިގައި، މިހާތަން 95 އަށްވުރެ ގިނަ ގެޔަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ގެއްލުމުގެ މައުލޫމާތު ނަގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.