ޚަބަރު

ބަންގުލަދޭޝްގެ އިތުރު 67 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ އިތުރު 67 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މި 67 މީހުން ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާފައިވަނީ ރާއްޖެއަށް އިއްޔެ ކާގޯ ހިފައިގެން އައި ބަންގްލަދޭޝްގެ އެއާފޯސް އެއާ ކްރާފްޓުގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިއްޔެ ރާއްޖެއަށް އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ރާއްޖެ އައިސްފައިވަނީ ދިހަ ޓަނުގެ ކާބޯތަކެތި ހިފައިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ އިތުރު 353 މީހަކުވެސް އިއްޔެ ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މިމީހުން ގައުމަށް ފޮނުވާލާފައިވަނީ ދިވެހި ސަރުކާރުން ޗާޓަރު ކޮށްގެން ރާއްޖެ އައި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާންގެ ފްލައިޓުގައެވެ.