ރާއްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު ގޮވައިގެން މޯލްޑިވިއަންގެ އިތުރު ފްލައިޓެއް އެގައުމަށް ފުރައިފިއެވެ.
ރާއްޖޭގައި ހުންނަ ތައި ކޮންސުލޭޓުން ކުރި ޓުވީޓެއްގައި ބުނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ތައިލޭންޑުގެ 148 ރައްޔިތަކު ގައުމަށް އަނބުރާ ދިއުމަށް މިއަދު ފުރާފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ތިބި ތައިލެންޑު ރައްޔިތުން ގޮވައިގެން އެގައުމަށް ފުރި ތިންވަނަ ފްލައިޓެވެ.
ރާއްޖޭގައި ތިބި ތައިލެންޑު ރައްޔިތުންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީ ކުރުމަށް އޮތް އެންމެ ފަހު ދުވަހަކީ މިއަދު ކަމަށް ވެސް ތައި ކޮންސުލޭޓުން ބުނެއެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ޗާޓަރު ފްލައިޓަކީ ތައިލެންޑް އެމްބަސީއާއި ރާއްޖޭގައި ހުންނަ ތައި ކޮންސުލޭޓް އާއި ގުޅިގެން އިންތިޒާމު ކުރި "ވޮލަންޓަރީ ރިޕެޓްރިއޭޝަން" ފްލައިޓެއް ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުންގެ ހާލަތަށް ގެނައި ފަހުން ރާއްޖޭގައި ތިބި ތައިލެންޑުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އެންމެ ފުރަތަމަ ފްލައިޓެއް ހަމަޖައްސާފައިވަނީ މިދިޔަ މަހުގައެވެ. އެ ފްލައިޓުގައި ތައިލެންޑުގެ 55 ރައްޔިތަކު އަނބުރާ ގައުމަށް ގޮސްފައިވެއެވެ. އަދި މިމަހު ހަތަރެއްގައި ތައިލެންޑުގެ 131 މީހުންނާއެކު އިތުރު ފްލައިޓެއް އެ ގައުމަށް ދަތުރުކޮށްފައި
ވެއެވެ.